ޚަބަރު

ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ޙަމަލާތަކަށް ފަހު ދެ ޤައުމުން އަނެއްކާ ވެސް ހަނގުރާމައިގެ އަސީރުން ބަދަލު ކޮށްފި


ރަޝިޔާއާއި ޔުކްރެއިނާ ދެމެދު އަނެއްކާ ވެސް ހަނގުރާމައިގެ އަސީރުން ބަދަލު ކޮށްފިއެވެ. ދެ ޤައުމުން އަސީރުން ބަދަލުކޮށްފައި މި ވަނީ މެއި މަހުގެ 23ވަނަ ދުވަހު ރަޝިޔާއިން ޔުކްރެއިނަށް ދީފައިވާ ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެއިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގޮވާލައްވާފައިވަނިކޮށެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ މެއި މަހުގެ 24ވަނަ ދުވަހު ރަޝިޔާގެ ބެލުމުގެ ދަށުގައި ތިބި ޔުކްރެއިންގެ 307 ހަނގުރާމައިގެ އަސީރުން، ޔުކްރެއިންގެ ބެލުމުގެ ދަށުގައި ތިބި ރަޝިޔާގެ ގިނަ ޢަދަދެއްގެ ސިފައިންގެ ބަދަލުގައި މިނިވަން ކޮށްފައިވާ ކަމަށެވެ. ރަޝިޔާގެ ސިފައިން ޤައުމަށް އެނބުރި އައުމުގެ ކުރިން ބެލަރުސްގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ޔުކްރެއިނުން ވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައިގެ އަސީރުން ބަދަލު ކުރިކަން ޔަޤީން ކޮށްދީފައެވެ. ރަޝިޔާއިން މިނިވަން ކުރި މީހުންގެ ތެރޭގައި ޔުކްރެއިންގެ އަސްކަރީ ސިފައިންނާއި ސަރަޙައްދީ ރޮނގު ބަލަހައްޓާ ސްޓޭޓް ބޯޑަރ ގާޑް ސާވިސްގެ އޭޖެންޓުންނާއި ނެޝަނަލް ގާޑް އޮފް ޔުކްރެއިންގެ މެންބަރުން ހިމެނޭ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

މެއި މަހުގެ 23ވަނަ ދުވަހު ވެސް ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ހަނގުރާމައިގެ އަސީރުން ބަދަލުކޮށްފައިވެއެވެ. ރަޝިޔާއިން ދިން ބޮޑު ޙަމަލާގެ އެއް ދުވަހު ދެ ޤައުމުން ވެސް 270 އަސްކަރީ ޚިދުމަތްތެރިންނާއި 120 ޢާންމުން ބަދަލު ކޮށްފައިވެއެވެ. އެއީ 2022ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިން ޔުކްރެއިނަށް އަރައިގަައިން ފަހުން ދެ ޤައުމުގެ ދެމެެދުގައި އެންމެ ގިނަ ޢަދަދެއްގެ އަސީރުން ބަދަލު ކޮށްފައިވާ ބުރެެވެ. ދެ ފަރާތުން ވެސް ވަނީ ޖުމްލަ 1،000 ޤައިދީން ބަދަލު ކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް ޙަމަލާ ބަދަލުކުރުން މިހާތަނަށް ހުއްޓުމަކަށް އައިސްފައެެއް ނުވެއެވެ.

ޔުކްރެއިންގެ ސަރުކާރުން މަޢުލޫމާތު ދިން ގޮތުގައި މެއި މަހުގެ 23ވަނަ ދުވަހު އެ ޤައުމުގެ ވެރިރަށް ކީޔީވްގެ ހަ ޑިސްޓްރިކްޓަކަށް ރަޝިޔާއިން ޙަމަލާ ދީފައިވެއެވެ. ޔުކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާއިން ދިން ޙަމަލާތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް 14 ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ދުރު ރާސްތާއަށް ދަތުރުކުރާ 250 ޑްރޯން ޔުކްރެއިނާ ދެކޮޅަށް ފޮނުވާފައިވާ ކަމަށް ވެސް ވައިގެ އަސްކަރިއްޔާއިން ބުނެއެވެ. ކީޔީވްއަށް އަމާޒު ކުރި ޙަމަލާތަކުގައި 15 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި މޯލްއަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ އިތުރުން އެހެން ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޅަމްވެ 4 މީހުން މަރުވެފައިވާ ކަމަށް ވެސް ޔުކްރެއިންގެ އިދާރާތަކުން ބުނެއެވެ. އެ ޙަމަލާއަކީ ހަނގުރާމައިގައި މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާގެ ގޮތުގައި އިދާރާތަކުން ސިފަ ކުރެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ޔުކްރެއިނުން އެ ޤައުމަށް ޙަމަލާ ދިނުމަށް 100އެއްހާ ޑްރޯން ރަޝިޔާއަށް އަމާޒު ކޮށް ފޮނުވާފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ޑްރޯން ރަޝިޔާއިން ވައްޓާލާފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.