ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ދަށުން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ސަބަބުން ޣައްޒާގެ ހަޤީޤީ ޙާލަތަށް ހިޔަނިއެޅި، އެ ސަހަރަށް ބޭނުންވާ ކަންކަމުން ސަމާލުކަން ގެއްލެމުންދާ ކަމަށް އދން ބުނެފިއެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ.
ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތުގެ ދަށުން ޣައްޒާއަށް މިހާތަނަށް ފޯރު ކޮށްދީފައި ވަނީ އެ ސަހަރުގެ ރައްޔިތުންނަށް ބޭނުންވާ ހަޤީޤީ ޢަދަދާ ގާތް ވެސް ނުކުރާވަރުގެ މަދު އެތިކޮޅެކެވެ. ޣައްޒާއަށް އެތެރެކުރާ ސާމާނު ޔަހޫދީން ޤަވާއިދުން ބަލާ ފާސްކުރެއެވެ. ޙަމާސުން ޙަމަލާ ދިނުމަށް ބޭނުން ކުރެވިދާނެފަދަ ސާމާނު ކަމަށް ބުނެ ގިނަ ވައްތަރުތަކެއްގެ ތަކެތި ޣައްޒާއަށް ވެއްދުމަށް ޔަހޫދީން ހުރަސްއަޅައެވެ.
އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މައިގަނޑު ހަތަރު މަރުކަޒެއް ޤާއިމު ކޮޮށް ހަމައެކަނި އެ މަރުކަޒުތައް މެދުވެރިކޮށް އެހީ ބެހުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަރަޙައްދުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމަށެވެ. އެ މަރުކަޒުތަކުން ޣައްޒާގެ ރައްޔިތުން ސްކްރީނު ކޮށް އެ މީހުންނާ ޙަމާސްއާ ގުޅުމެއް ވޭތީ ބަލާނެއެވެ. އެ މަސަައްކަތަށް މީހުންގެ މޫނު ދެނެގަންނަ ނިޒާމެއް ބޭނުން ކުރުން އެކަށީގެންވެއެވެ. ސްވިޒަލެންޑުގައި ދަފްތަރު ކޮށްފަައިވާ ޖީއެޗްްއެފުން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ޔަހޫދީން ސަލާމަތީ ކަންކަން ބަލަހައްޓައިދޭ ގޮތަށެވެ.
ނަމަވެސް އދއާއި ބައިލނަލްއަޤްވާމީ އެހީދޭ ގިނަ ޖަމާޢަތްތަކަކުން ވަނީ ޖީއެޗްއެފް މެދުވެރިކޮށް ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދައިފައެވެ. އެ ޖަމްޢިއްޔާތަކުން ޤަބޫލު ކުރާ ގޮތުގައި އެ މަސައްކަތް ޖީއެޗްއެފް މެދުވެރިކޮށް ކޮށްފި ނަމަ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު އެ ފަދަ މަސައްކަތް ކުރުމަށް އޮންނަ އުޞޫލާ ފުށުއަރާނެއެވެ.
ޖީއެޗްްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ޣައްޒާގައި ފަށާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން މެއި މަހުގެ 26ވަނަ ދުވަހު ވަނީ އިޢުލާނު ކޮށްފައެވެ. އދގެ އިންސާނީއެހީ ދިނުމާގުޅޭ އިދާރާ، އޯސީއެޗްއޭގެ ތަރުޖަމާނު ޖެންސް ލާކް ވިދާޅުވީ ޖީއެޗްއެފް މެދުވެރިކޮށް އެހީގެ ސާމާނު ވެއްދުމުގައި އދން ބައިވެރި ނުވަނީ އެ ނިޒާމުގެ ސަބަބުން ހަޤީޤީ މައްސަލައަށް ޙައްލެއް ނުލިބޭތީ ކަމަށެވެ. ޣައްޒާއަށް ހަޤީޤަތުގައި ބޭނުން ވަނީ އެއްވެސް ހުރަހެއް ނެތި އެހީގެ ސާމާނު އެ ސަހަރަށް ވެއްދުން ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ޣައްޒާއަށް މިހާރު އެތެެރެ ކުރަނީ ޔަހޫދީން ބޭނުންވާ ސާމާނު އެކަނި ކަމަށާއި އެ ސާމާނަކީ ޣައްޒާގެ ރައްޔިތުންނަށް މި ޙާލަތުގައި އެންމެ ބޭނުންތެރި ސާމާނަށް ނުވެދާ ޙާލަތްތައް އަންނަ ކަމަށެވެ.
ފަަލަސްޠީނުގެ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި އޮތުމާ އެކު ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެ ސަހަރުން ހުސްވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ އިޢުލާނު ކޮށްފައެވެ. ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެ ޤައުމުގެ ރައްޔިތުންނަށް އެހީ ފޯރު ކޮށްދޭ އދގެ އިދާރާ އުންރުވާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ، ޖޫލިއެޓް ތޫމާ ވިދާޅުވީ ޣައްޒާއަށް ވެއްދުމަށް ތައްޔާރު ކޮށްފައި ހުރި ގިނަ ޢަދަދެއްގެ ޞިއްޙީ ސާމާނު ނުވެއްދޭނެ ކަމަށް ޔަހޫދީން ނިންމާފައިވާ ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ބޭސް ބަރުކޮށްފައިވާ 3000އަށްވުރެ ގިނަ ލޮރީ ޢުރުދުންއާއި މިޞްރުގައި ސަފުހަދާ، ޣައްޒާއަށް އެ ތަކެތި ވެއްދުމުގެ ފެހި ސިގްނަލުގެ އިންތިޒާރުގައި ތައްޔާރީ ޙާލަތުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ވަރަށް އަވަހަށް އެ ތަކެތީގެ ދުވަސްހަމަވެ ބޭނުން ނުކުރެވޭ ޙާލަތަށް ދާނެ ކަަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.