ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޢަމަލުތައް ފުޅާކޮށްފިނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދުނިޔޭގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށް، އެތަނުގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވަން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ނިންމައި، އިޢުލާނުކޮށްފިއެވެ.
ޔަހޫދީންގެ މާލީ ވަޒީރު ބެޒަރެލް މޮޓްރިކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރިކުރުވަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ހުޅަނގު އައްސޭރީގެ ދެކުނުގައި ޔަހޫދީންގެ 22 ސަރަޙައްދެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. މޮޓްރިކް އަކީ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ބާރު އޮންނަންޖެހޭ ކަމަށް ބުނެ އެންމެ ވަރުގަދައަށް ވަކާލުކުރާ މީހުންގެ ތެރެއިން އެކެކެވެ.
ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކު، ޔަހޫދީން ޢާންމުން ވަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދާ އަމަލުތަކާއި، ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ.
ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާއަށް ވެރިވެގަނެ، ޔަހޫދީން ހިންގަމުން ދަނީ އިސްތިޢުމާރީ ވެރިކަމެއް ކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ޤަބޫލު ކުރެއެވެ.
ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގެ އިތުރުން ހުޅަނގު އައްސޭރިއަށް އަތްގަދަކުރުން ފުޅާކުރާނަމަ، ޔަހޫދީންގެ ދަޢުލަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ހުޅަނގުގެ ބޮޑެތި ބައެއް ޤައުމުތަކުން ދާދިފަހުން ވަނީ ދީފައެވެ.
އޭގެތެރޭގައި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ކެނެޑާ ހިމެނެއެވެ.