ސޫރިޔާއާއި އިސްރާއީލާ ދެމެދު ޞުލްޙަ ޤާއިމު ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އެމެރިކާއިން ސޫރިޔާއަށް ކަނޑައަޅާފައިވާ އައު މަންދޫބު، ތޯމަސް ބެރެކް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ސޫރިޔާއަށް ކުރައްވަމުންދާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. އެޗްޓީއެސްގެ އިސްވެރިޔާ އަދި ސޫރިޔާގެ އިންތިޤާލީ ރައީސްގެ މަޤާމު ފުރަމުންދަނީ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އަލް-ޤާއިދާގެ ކޮމާންޑަރުކަން ކުރިން ކޮށްފައިވާ އަޙްމަދު އަލް-ޝަރާޢުއެވެ. އަސަދު ޢާއިލާގެ 50އަށްވުރެ ގިނަ އަހަރުގެ ވެރިކަމުގައި ސޫރިޔާއިން ރަޝިޔާއާއި އީރާނާއެކު ގާތް ގުޅުމެއް ބާއްވަމުން ދިޔައެވެ. ނަމަވެސް އައު ސަރުކާރުން ދަނީ ހުޅަނގާއެކު ވެސް ގުޅުން ބަދަހި ކުރަމުންނެވެ.
އެމެރިކާއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގައިވާ ބަރަކް، ސޫރިޔާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބުގެ ގޮތުގައި ޢައްޔަނު ކޮށްފައި ވަނީ މެއި މަހުގެ 23ވަނަ ދުވަހުއެވެ. ސޫރިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ބަރަކް ވަނީ ސަފީރުގެ ގެކޮޅުގައި އެމެރިކާގެ ދިދަ ނަންގަވައިފައެވެ. މިއީ 2012ވަނަ އަހަރު ސޫރިޔާގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކުރި ފަހުން ސަފީރުގެ ގެކޮޅުގައި އެމެރިކާގެ ދިދަ ނަގާ ފުރަތަމަ ފަހަރެވެ.
ސޫރިޔާގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކުރީ 2012ބަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ސޫރިޔާގެ އޭރުގެ ރައީސް އަސަދާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ލޭ އޮހޮރުވުމަކަށް ބަދަލުވުމުގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރީގައެވެ. ސޫރިޔާގައި ހުރި އެމެރިކާގެ އެމްބަސީ ބަންދު ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޭރުގެ ސަފީރު ރޮބަޓް ފޯޑު ވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އޭގެ ފަހުން ސޫރިޔާއާ ގުޅުން ހުރި އެމެރިކާގެ އެންމެހާ މަންދޫބުން މަސައްކަތް ކުރައްވަމުން ދިޔައީ ސޫރިޔާގެ ފަސްގަނޑުން ބޭރުގައެވެ. އަދި ސޫރިޔާއަށް ޒިޔާރަތެއް ވެސް ނުކުރައްވައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ ކުރީކޮޅު ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް ޝަރާޢުއާ ބައްދަލު ކުރައްވައި ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާ ލެއްވުމަށް ކުއްލި ގޮތަކަށް ނިންމެވިފަހުން، ހަލުވިކަމާއެކު އެމެރިކާއާއި ސޫރިޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަރަކް ވިދާޅުވީ ސޫރިޔާއާއި ޔަހޫދީންނާ ދެމެދުވާ މައްސަލައަކީ ޙައްލު ކުރެވޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް މައްސަލަ ޙައްލު ކުރެވޭނީ ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައަށް ޙައްލެއް ހޯދުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެއް ބަޔަކު އަނެއް ބަޔަކަށް ޙަމަލާ ނުދިނުމާ ގުޅޭ އެއްބަސްވުމެއް ޤާއިމު ކޮށް، ސަރަޙައްދީ އިމާ ގުޅޭ މަޝްވަރާތައް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބަރަކް އިތުރަށް ވިދާޅުވީ ސޫރިޔާއަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ ދައުލަތެެއް ކަމަށް އެމެރިކާއިން ދެން ނުބަލާނެ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއެކު އެ މައްސަލައަށް ޙައްލު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަސްރަހު އިތުރަށް ދިރާސާކޮށް ކަންކަން މުރާޖަޢާ ކުރުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
“އެމެރިކާގެ ނިޔަތާއި ރައީސްގެ ތަސައްވުރަކީ ސޫރިޔާގެ މި ޒުވާން ސަރުކާރަށް ފުރުޞަތެއް ދިނުން. މި ފުރުޞަތު ދެވޭނީ ސޫރިޔާގެ މައްސަލަތަކުގެ ތެރެއަށް ނުވަދެ، އަމުރު ނުކޮށް، ޝަރުތުތައް ނުކޮށް، އަދި އަހަރެމެންގެ ސަޤާފަތް ސޫރިޔާގެ ސަޤާފަތުގެ ތެރޭގައި ނުހިމަނާ ނަމަ،” ބަރަކް ވިދާޅުވިއެވެ.
ބަރަކް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 1979ވަނަ އަހަރުން ފެށިގެން އެމެރިކާއިން އޮތީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައި ވަނީ 2020ވަނަ އަހަރުގެ ތެެރޭގައެވެ. އެއީ ސީސަރ އެކްޓު ކިޔައި އެމެރިކާގެ ޚާއްޞަ ޤާނޫނެއްގެ ދަށުންނެވެ. ބަރަކް ވިދާޅުވީ އެ ޤާނޫނު އުވާލުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް 180 ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެންމެ ކެންމަދުވެފައި ވަނީ އެމެރިކާގެ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަރަބި ޤަައުމުތަކާއި ޔަހޫދީންނާ ދެމެދު އޮންނަ މައްސަލަތަކުގެ އެންމެ ކުރީ ސަފުގައި ސޫރިޔާ ހިމެނެއެވެ. ޔަހޫދީން ދަނީ 1967ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ޖައުލާން އުސްބިންތައް އިސްތިޢުމާރު ކޮށްފައެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ވެސް ޔަހޫދީން ވަނީ ސޫރިޔާގެ ބައެއް ބިންތަކުގެ މައްޗަށް ގަދަވެގައިންފައެވެ.
ސޫރިޔާއާއި ޔަހޫދީންނާ ދެމެދު ސީފާ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ މަޝްވަރާތަކުގެ ބޭނުކަމީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލައި ސަރަޙައްދީ ހަމަޖެހުނާސް މަސައްކަތް ކުރުން ކަމަށްވެއެވެ. މި މަހުގެ ތެރޭގައި ސައުދީ ޢަރަބިއްޔާގެ ރިޔާޟުގައި އެމެރިކާގެ ރައީސް ޓްރަމްޕް ޝަރާޢުއާ ބައްދަލު ކުރައްވައި، ސޫރިޔާއިން ޔަހޫދީންނާއެކު ގުޅުން ބަދަހި ކުރުމަށް ހިތްވަރު ދެއްވާފައިވެއެވެ.