ޚަބަރު

ކުލަބު ވޯލްޑް ކަޕުގައި ގްރީލިޝް ސިޓީން ނުފެންނާނެ!


މި މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ނުފެންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 100 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ ދަށުން 2021 ވަނަ އަހަރު އެސްޓަން ވިލާއިން ސިޓީ އާއި ގުޅުނު ޖެކް ގްރީލިޝްގެ މުސްތަގުބަލާއިމެދު މި ސީޒަނުގައި ވަނީ ސުވާލު އުފެދިފަ އެވެ. އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ގްރީލިޝް އަށްވުރެ މޮޅަށް އެ މަގާމަށް ކުޅޭ އެހެން ކުޅުންތެރިން އެކްލަބުގައި ތިބި ކަމަށް މީގެ ކުރިން ބުނެފަ އެވެ.

އުމުރުން 29 އަހަރުގެ ގްރީލިޝް މެންޗެސްޓަރ ސިޓީގެ ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނޭކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އޭނާ ހޯދުމަން ޔޫރަޕްގެ އެހެން ކްލަބްތަކަކުން ޝައިވެރިވާކަމަށް ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ސިޓީ އިން 23-2022 ވަނަ އަހަރުގެ ސީޒަނުގައި ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ގްރީލިޝް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ފާއިތުވެދިޔަ ހަތަރު ސީޒަނުގައި އޭނާ ވަނީ ސިޓީ އާއިއެކު ތިން ފަހަރު މަތިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އިނގިރޭސި އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ވެސް ވަނީ ހޯދާފަ އެވެ.

ނަމަވެސް ނިމިގެންދިޔަ ސީޒަނުގައި ޓީމުގެ ފުރަތަމަ 11 އިން އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު ފަހަރެއްގައެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ މީގެ ކުރިން ބުނެފައިވަނީ ގްރީލިޝް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އެޓީމުން ފުރުސަތު ހޯދަން ބޭނުންވާނަމަ އިތުރަށް މަސައްކަތްތަކެއް ކޮށް އެންމެ ފުރަތަމަ އޭނާ އެ ޓީމުގައި ދެއްކި ފަދަ ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.