އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުންނެވެ. "ޢީދު ހަވީރު 1446" ނަމުގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ޢީދު ހަވީރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތް ކުރިއަށްދާނީ 9 އަކުން ފެށިގެން 10އެއް ޖަހަންދެންނެވެ.
"ޢީދުހަވީރު 1446" އަކީ މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ހަވީރުގެ ތެރެއިން މާލޭ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2 ހިޔާ ޕާކު ސަރަޙައްދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަޙައްދުގައި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.
މި ހަވީރުގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، ބީސީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ހިމެނެއެވެ. އަދި އާކޭޑް ހަބްގެ ޚާއްސަ ގޭމިންގ ސްޓޭޝަނެއްވެސް ސެންޓްރަލް ޕާކުގައި ވަނީ ބަހައްޓާފައެވެ.
ކުންފުނިތަކުގެ ސްޓޯލްތައް އެކި ތީމްތަކަށް ތައްޔާރުކޮށްފައިވާއިރު، އެކި އުމުރުފުރާގެ ކުދިންނާ ގުޅޭނެހެން އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ކުޑަކުދިން ގަޔާވާ ޝަޢުގުވެރިވާނެ ފަދަ ތަފާތު ޒަމާނީ ކެރެކްޓަރތަކުގެ ފިއުޝަންތަކާއި، ރާއްޖޭގެ ބައެއް އިހުގެ ކުޅިވަރުތަކާއި ސަޤާފީ ބައެއް ހަރަކާތްތައްވެސް ޢީދު ހަރަކާތްތަކުގެ ހިމަނައިގެން މިތަންތަނުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ހަމައެހެންމެ ސަލާމަތީ ޚިދުމަތްތަކުން އެކި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޔުނިފޯމާއި، ހަތިޔާރާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރު ދައްކާލުމުގެގޮތުންވެސް ތަފާތު ސްޓޯލްތައް މާލެއާއި ހުޅުމާލޭގައި ހަވީރުތަކުގައިވަނީ ޤާއިމްކޮށްފައެވެ.
ޤައުމީ ދިފާޢީ ބާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ "ޢީދުހަވީރު 1446" މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.