ޚަބަރު

ހުކުރު ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ


  • ޙައްޖުވެރިން ރާއްޖެެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17ގައި

  • ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެން

1446ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފުރަތަމަ ގްރޫޕު މިއަންނަ ހުކުރު ދުވަހު ރާއްޖެއައުމަށް ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކުރީ އަހަރުތަކޭވެސް އެއްގޮތަށް މިއަހަރުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ޙައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢޫދީއަށް ދިޔަ ދިވެހި ޙައްޖުވެރިން މިމަހުގެ 13ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އެގޮތުން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ.

މިމަހުގެ 13ވަނަ ދުވަހު ދިވެހި ޙާޖީން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ސަޢޫދީ އަރަބިއްޔާގެ ފްލައިޓެއްގައެވެ. މި ފްލައިޓުގައި ދަތުރުކުރާ ޙައްޖުވެރިން މިހާރު ވަނީ މަދީނާއަށް ފުރާފައެވެ.


މިއަންނަ ހުކުރު ދުވަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ގުރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވާ ހޮނިހިރު ދަވަހުއެވެ. އެއީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތަށް އަލަށް ގެނައި ވައިޑް ބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓުގައެވެ.

މީގެ އިތުރުން، 16 ޖޫން ވާ ހޯމަ ދުވަހު ދިވެހި ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު، މި ޙައްޖުވެރިންވެސް ދަތުރުކުރާނީ ސަޢުދީ ފްލައިޓުގައެވެ. ދިވެހި ޙައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. އެއީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އުމުރުން ދުވަސްވީ މީހުން ދިވެހި ޙައްޖުވެރިންގެ ތެރޭގައި ގިނަ ނަމަވެސް ޞިއްޙީ ގޮތުން މާ ބޮޑު މައްސަލަތަކެއް ކުރިމަތިނުވެ، ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާފައެވެ.

މިއަހަރަކީ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިތުރުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ޙާޖީންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މައްކާރޫޓު އިނީޝިއޭޓިވްއާއި، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ކެޓަގަރީ މަތިކުރުން ފާހަގަކޮށްލެވެ.

މީގެ އިތުރުން، ފުރަތަމަ ގްރޫޕުގެ ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް މިހާރު މަދީނާއަށް ފުރާފާއިވާއިރު އެ މީހުން މަދީނާއަށް ދަތުރުކުރަނީ ހައިސްޕީޑް ރޭލުގައެވެ. މިކަމުގެ ސަބަބުން ކުރިން ބަހުގައި މަދީނާއަށް ދިއުމަށް ކުރާ 6 ގަޑިއިރުގެ ދަތުރު ވަނީ 2 ގަޑިއިރާއި 25 މިނެޓަށް ކުރުވެފައެވެ. މިއީވެސް ދިވެހި ޙާޖީންނަށް މިފަހަރު ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

ޙައްޖުން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗަކުން ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. އަދި ބޭނުންކުރާ މާސްކާއި ޓީޝޫފަދަތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން މުހިންމުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ރޯގާޖެހި ކެއްސާނަމަ މީހުންއުޅޭ ތަންތަނަށް ނުދިޔުމާއި ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާ، އަރާމުކުރުން މުހިންމެވެ.