ޚަބަރު

މަތީތަޢުލީމާއި ވެލްނަސް ދާއިރާއިން 200އަށްވުރެ ގިނަ ފުރުސަތާއެކު އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފި


  • އެކްސްޕޯ ކުރިއަށްދާނީ 13،14 އަދި 15 ވަނަ ދުވަހު ހަވީރު 3އިން ރޭގަނޑު 10 ޖަހަންދެން

މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯ ހުޅުވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި ރާއްޖޭގެ ގިނަ ކުދިންތަކެއް މަތީ ތަޢުލީމް ހާސިލްކުރަމުން އަންނަކަމަށެވެ. އަދި ބޭރުގެ ޔުނިވަރސިޓީތަކަށް ދާއިރުވެސް
އެތަނަކީ ކޮންފެންވަރެއްގެ ތަނެއްތޯ ބަލައި ކަށަވަރުކުރަންޖެހޭ ކަމަށާއި މިކަމަށްޓކައި އެވުޒާރާއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގުޅިގެން އުސޫލްތަކެއް އެކަށައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް)ގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މިއެކްސްޕޯގައި ތަޢުލީމާއި ވެލްނަސް ދާއިރާއިން 100 އަށްވުރެންގިނަ ފުރުސަތު ރާއްޖެއަށްވަނީ ހުޅުވާލާފައެވެ.

އޭގެތެރޭގައި ބިޒްނަސް، އެކައުންޓިން، އައިޓީ، ހޮސްޕިޓަލިޓީ، މެޑިސިން، ނާރސިންގ ފަދަ ދާއިރާތަކުގެ އިތުރުން ބައޯ މެޑިކަލް ސައިންސް، ގޭމް ޑިވެލޮޕްމަންޓް، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންޓިޓީ ސާރވޭއިން، އިލެކްޓްރިކް، އޭވިއޭޝަން، އާރކިޓެކްޗަރ، ފެޝަން، އިންޓީރިއަރ ޑިޒައިނިން ފަދަ ރާއްޖެއަށް މުހިންމު ދާއިރާތަކުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ތަޢުލީމު ހާސިލުކުރެވޭ ކޯސްތައް ހިމެނެއެވެ.

މިއެކްސްޕޯގައި މަތީތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ބައިވެރިވެއެވެ.

މިމަހުގެ 15ވަނަ ދުވަހުގެ ނިއަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މިއެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00ޖަހަން ދެންނެވެ.