ކުޅިވަރު

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ނެޓްބޯޅަ ޓީމު ފުރާނީ މިމަހުގެ 24ގައި


މިމަހުގެ 27އިން އަންނަމަހުގެ 5އަށް ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ 21 އަހަރުންދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ތައްޔާރުވެއްޖެއެވެ.

މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ ކޯޗު ނީޝާ ހަލީމްބުނީ ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ޓީމުން ވަރަށް ރަނގަޅަށްވަނީ ތައްޔާރުވެފަކަމަށެވެ. ކޮންމެ ރެއަކު ފަރިތަކުރުންތައް ކުރިއަށްގެންދާކަމަށާ ޓީމު އޮތީ ރަނގަޅު ފޯމެއްގައިކަމަށް ނީޝާވަނީ ބުނެފައެވެ.

"ޕްރެކްޓިސްތައް ހަމަ ކޮންމެ ރެއަކު ކުރިއަށްދާނެ. އަންޑަރ 21 ޖޫނިއަރ ސްކޮޑް މިހާރު ތައްޔާރުވަމުން މިއަންނަނީ ކޮރެއާގައި އޮތް ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕަށް. ދެން އަޅުގަނޑު ފާހަގަކޮށްލަން އޮތީ މިމުބާރާތުގައި އަޅުގަނދުމެން ބައިވެރިނުވާތާ ދެ އަހަރުވެއްޖެ. ދެއަހަރޭ މި ދަންނަވަނީ ޖޫނިއަރ މުބާރާތް މި އޮންނަނީ ދެ އަހަރުން އެއް އަހރު. އެހެންވީމަ ހަރަތު އަހަރުވެއްޖެ އަސްލުގަ އަންޑަރ 21 ޓީމެއް މިމުބާރާތުގަ ޕާރފޯރމް ނުކުރާތާ" ނީޝާ ބުނެފަވެއެވެ.

މެދުކެނޑުކަމަށްފަހު ރާއްޖޭގެ ޖޫނިއަރ ނެޓްބޯޅަ ޓީމުން މިމުބާރާތާ ކުރިމަތިލަނީ ވަރަށް ރަނގަޅު ފަރިތަކުރުންތަކަށްފަހުކަމަށް ނީޝާ ބުންޏެވެ. މިޓީމުންވަނީ މިމަހުގެ ފަހަކުން އަށަކަށް ހޮންގް ކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ހޯދާފައެވެ. އެހެންކަމުން މިއީ އުންމީދީ ޓީމެއްކަމަށާ، އެމުބާރާތުން ލިބުނު ތަޖުރިބާ ކުރިއަށް އޮތް ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕަށް ރަނގަޅު އަސަރެއްކުރާނެކަމަށް ދެކޭކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"ދާދި ފަހަކުން އަޅުގަނޑުމެން ހޮންގކޮންގު އޮތް ބައުހީނިއާކަޕުގަ ލިބުނު ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް އެއީ އުބާރާތުން އަޅުގަނޑުމެންނަށް ލިބުނީ ތިންވަނަ. ދެން އަސަލުގަ އެމުބާރާތުގަ ވަރަށް ރަނގަޅަށް ޓީމު ބައްޓަންކުރަން ރަނގަޅު ފުރުސަތުތަކެއް ޓީމު ބައްޓަންކުރަން މި ލިބިގެންދިޔައީ. ކުދިންނަށްވެސް ލިބުނު ވަރަށް ރަނގަޅު އެކްސްޕީރިއަންސެއްކަމަށް މިބަލަނީ" ނީޝާ ބުނެފަވެއެވެ.

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޖޫނިއާ ނެޓްބޯލް ސްކޮޑު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. މިމުބާރާތް ކުރިއަށްދާނީ ސައުތު ކޮރެއާގެ ޖޯންޖޫގައެވެ.

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕު އެންމެ ފަހުން ބާއްވާފަވަނީ 2023 ވަނަ އަހަރުއެވެ. ސައުތު ކޮރެއާގައި އެމުބާރާތްވެސް ބާއްވާފައިވާއިރު އެއަހަރުގެ ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއިންނެވެ.