ބާސްކެޓްބޯޅައިގެ ޝަރަފުވެރި ތަމްރީނެއް ކަމަށްވާ ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ ކޭމްޕަށް މި ސަރަހައްދުން ހޮވި 10 ކުދިންގެ ތެރޭގައި ރާއްޖޭގެ އަރަމުން އަންނަ އުއްމީދީ ކުޅުންތެރިޔާ ފާތިމަތު ޝުބާ ޝުޖާއު ހިމެނިއްޖެއެވެ.
15 ވަނަ ބާސްކެޓްބޯލް ވިތައުޓް ބޯޑާރސް އޭޝިއާ ކޭމްޕު މިއަހަރު ކުރިއަށްދަނީ ސިންގަޕޫރުގައެވެ. ބާސްކެޓް ބޯޅައިގެ މިކޭމްޕަކީ ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ) އާއި އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ) ގުޅިގެން މިސަރަހައްދުގެ ހޮވާލެވޭ މޮޅެތި އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބާސްކެޓްބޯޅައިގެ ޝަރަފުވެރި ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ކޭމްޕަށް ކުޅުންތެރިން ހޮވާފައިވަނީ އެކުޅުންތެރިންގެ ހުނަރުވެރިކަމަށް އިސްކަންދީގެންނެވެ.
މި ޝަރަފު ޝުބާއަށް ލިބިފަވަނީ މިސަރަހައްދުން ހޮވި 10 ކުދިންގެ ތެރެއިން ފުރުސަތު ލިބިގެންނެވެ. މިކޭމްޕަށް ހޮވުނު 10 ކުދިންނަކީ އެކުދިންގެ ހުނަރާ ކުޅުމަށް ބެލުމަށްފަހު އެންމެ މޮޅުކަމަށް މިސަރަހައްދުން ހޮވާލެވުނު ދިހަ އެތުލީޓުންނެވެ.
އަދި ރާއްޖޭގެ އުންމީދީ ތަރި ޝުބާއަށް މި ޝަރަފު ލިބިފައިވަނީ އެންބީއޭ އަދި ފީބާއިން އޭނާގެ ހުނަރާއި ހިންގުންތެރިކަމަށް ބެލުމަށްފަހުއެވެ. 15 ވަނަ ބާސްކެޓްބޯލް ވިތައުޓް ބޯޑާރސް އޭޝިއާ ކޭމްޕު ކުރިއަށްދާނީ މިމަހުގެ 19 އިން 22 އަށެވެ.