ސްރީ ލަންކާގެ ކިކާޒް އެކެޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލްގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި ވިލިމާލެ ޔުނައިޓެޑުގެ ދެ ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވިލިމާލެ ޔުނައިޓެޑްގެ ޓީމުތައް ރޭގެ ވަގުތެއްގައި މާލެ އައިސްފައިވާއިރު، މި ދެ ޓީމަށް އެއާޕޯޓުން މަރުހަބާ ކިޔާފަވަނީ އެކުދިންގެ އާއިލާ މެމްބަރުންނާއި ވިލިމާލޭގެ ބައެއް ރައްޔިތުންނެވެ.
ބައިނަލްއަޤްވާމީ މުބާރާތަކުން ލިބުނު މިބޮޑު ކާމިޔާބީއާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވިލިމާލެ ޔުނައިޓެޑުގެ މެނޭޖަރ އިމްރާން އަހުމަދު ބުނީ ލިބުނު ކާމިޔާބީއާ ގުޅިގެން އުފާކުރާކަމަށެވެ. އަދި އެމުބާރާތަކީ ވިލިމާލޭ ޔުނައިޓެޑަށް ލިބުނު ދައުވަތެއްކަމަށާ، މުބާރާތަށް ފަރިތަކުރުމަށް ދެމަސް ދުވަސް ހޭދަވިކަމަށާ، މިއީ ގަދަ ހޫނުގައި އެކުދިން ކުރި ހިތްވަރުގެ ނަތީޖާކަމަށް އިމްރާންވަނީ ބުނެފައެވެ.
"މުބާރާތަށް އަޅުގަނޑުމެން ތައްޔާރުވާތާ މިހާރު ދެމަސްދުވަސް، ދެމަސްދުވަސް ހަމަ މެންދުރު ވަރަށް ހޫނުގަ، އަންޑަރ 12ވެސް އަދި އަންޑަރ 14ވެސް ޕްރެކްޓިސްކޮށްގެން ލިބުނު ކާމިޔާބީއެއް ކާމިޔާބީއަކީ" އިމްރާން ބުނެފަވެއެވެ.
މިމުބާރާތުގައި ބައިވެރިވި އެންމެ ކުއްޖެއް ފިޔަވާ ދެން ތިބި ކުދިންނަކީ މިފަދަ މުބާރާތެއްގައި މީގެ ކުރިން ބައިވެރިވި ކުދިންތަކެއް ނޫންކަމަށް އިމްރާން ބުނެފަވެއެވެ. އަދި މިއީ އެކުދިންގެ ފުޓުބޯޅަ ކެރިއަރަށް ލިބިގެން ދިޔަ ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށާ، މިކަމުގެ ސަބަބުން އެކުދިންގެ މުސްތަގުބަލަށް ފައިދާކުރާނެކަމަށް ގަބޫލުކުރާކަމަށް އިމްރާން ވަނީ ބުނެފައެވެ.
ލަންކާ މުބާރާތުގައި ވިލިމާލެ ޔުނައިޓެޑުން ވަރަށް ހިތްވަރުކުރިކަމަށް ފާހަގަކުރަމުން އިމްރާން ބުނީ ފުރަތަމަ ދުވަހު އެކަނިވެސް އެކުދިން ފަސް މެޗު ކުޅުނުކަމަށެވެ. އެހެންނަމަވެސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުދިންގެ ފިޓްނެސްއަށް ޚާއްސަ ސަމާލުކަމެއްދީގެން ކުދިން ތައްޔާރުކުރެވުނުކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ފުލުފުލުގައި މެޗުތައް ކުޅެން ޖެހުނު ނަމަވެސް ކުދިންގެ ބުންވަރު ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުނުކަން ފާހަގަވިކަމަށް އިމްރާން ފާހަގަކުރިއެވެ.
"ކުދިންގެ ފިޓްނެސް ލެވެލް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ވަރަށް ރަނގަޅަށް ދިޔައީ، އެއްވެސް އިންޖަރީއެއްވެސް ނައިސް ފައިނަލާ ހަމައަށް ދިޔައީ، އަނެއްކާ އަޅުގަނޑުމެން ކުޅުނު އެއްވެސް މެޗަކުން ބައްޔެއް ނުވޭ އެއްވެސް އޭޖު ގްރޫޕަކުން" އިމްރާން ބުންޏެވެ.
ކިކާޒް ފުޓްބޯލް ކާނިވަލުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ތަށި ހިއްލާލި ޓީމުގެ ކެޕްޓަން އާކިފް ބިން އަހުމަދު ޝާހީން ބުނީ މިއީ ބުރަ މަސައްކަތުން ކާމިޔާބުކުރެވުނު މުބާރާތެއްކަމަށެވެ. އޭނާ ބުނީ އިދިކޮޅުން ވާދަކުރި ޓީމުތައްވެސް ހުނަރުވެރިކަމަށާ، ވިލިމާލޭ ޔުނައިޓެޑުގެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ޓީމެއްގެ ގޮތުގައި ހުރިހާ ކުދިން ދެއްކި ކުޅުމުގެ ސަބަބުންކަމަށެވެ.
"ވަރަށް މޮޅު، އަޅުގަނޑުމެންވެސް ބޮޑަށް ޓްރައި ކުރީމަ މޮޅުވީ" ވިލިމާލޭ ޔުނައިޓެޑުގެ އުންމީދީ ކުޅުންތެރިޔާ ބުނެފަވެއެވެ.
މިމުބާރާތުގެ 14 އަހަރުންދަށުގެ އުމުރުފުރާގެ ތަށި ނެގި ޓީމުގެ ކެޕްޓަން އިބްރާހިމް ޔޫއާންވެސް ބުނީ ލިބުނު ކާމިޔާބީއާ ގުޅިގެން ވަރަށް އުފާވާ ކަމަށާ، އަދި ރާއްޖެ ތަމްސީލުކޮށް ފަޚުރުވެރި ވަނައެއް ގެނެސްދެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ. ޓީމުގެ ކާމިޔާބީގެ ސިއްރަކީ ކޯޗުން ދެއްވި އިރުޝާދާ ޓީމުގެ ކޮންމެ ކުޅުންތެރިއެއްވެސް ދެއްކި ހިތްވަރުކަމަށެވެ.
"ކޯޗުންގެ މަސައްކަތާ އެއްކޮށް އަޅުގަނޑުމެން ފައިނަލަށް ގޮސްފަ މިމޮޅުވީ" އުމުރުން އެންމެ ހަ އަހަރުންސުރެން ފުޓުބޯޅަ ކުޅެމުން އަންނަ ތަރި ބުންޏެވެ.
ޖުމްލަ ހަތަރު އުމުރުފުރާއަކުން މި މުބާރާތުގައި ޓީމުތައް ވާދަކޮށްފަވާއިރު ރާއްޖޭގެ ވިލިމާލެ ޔުނައިޓެޑުން މުބާރާތުގައި ވާދަކޮށްފައިވަނީ 14 އަހަރުން ދަށުގެ އުމުރުފުރާ އާއި 12 އަހަރުން ދަށުގެ އުމުރުފުރާގައެވެ. މި އުމުރުފުރާގެވެސް ޗެމްޕިއަންކަން ރާއްޖޭގެ ދެ ޓީމުން ނަގާފަވާއިރު، މިމެޗުތަކުގެ އެންމެ މޮޅު ކުޅުންތެރިންނަށްވެސް ހޮވިފަވަނީ ރާއްޖޭގެ ކުޅުންތެރިންނެވެ.
ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލުގައި ހަތަރު އުމުރުފުރާއަކުން 56 ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ 15 އެކެޑަމީއަކުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކެވެ.
މިއީ މިގޮތަށް އެހެން ގައުމުތަކަށް ހުޅުވާލައިގެން މިމުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.