ކުޅިވަރު

އަމާޒަކީ ޕްލޭޓުގެ ފައިނަލުން ޖާގައެއް ހޯދުން: އީމާ


ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުގެ އަމާޒަކީ ޕްލޭޓުގެ ފައިނަލުން ޖާގައެއް ހޯދުން ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު އީމާ އަބްދުލް ސައްތާރު ބުނެފިއެވެ.

މި މަހުގެ 27 އިން އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އޮންނަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު ބުދަ ދުވަހުގެރޭގެ ވަގުތެއްގައި ކޮރެއާއަށް ފުރާފަވާއިރު، ފުރުމުގެ ކުރިން އެއާޕޯޓުގައި ހުރެ "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އީމާ ބުނީ ޓީމު ވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ޓީމުގެ ސްކޮޑާމެދު ހިތްހަމަޖެހޭ ކަމަށާއި، ދާދިފަހުން ޗައިނާގެ ހޮންގް ކޮންގުގައި ނިމިގެންދިޔަ ބައުހީނިއާ ކަޕުގައި ވާދަކޮށްލަން ލިބުނު ފުރުސަތަކީ ޓީމު އިތުރަށް ކުރިއަރަން ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށް އީމާ ބުންޏެވެ.

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕަކީ ކޮންމެ ދެ އަހަރުން އެއް އަހަރު އޮންނަ މުބާރާތެއް ކަމަށާއި، ފާއިތުވެ ދިޔަ ތިން މުބާރާތުގައިވެސް ވާދަކުރުމުގެ ފުރުސަތު ޓީމަށް ލިބިފައިނުވާކަން އީމާ ފާހަގަކުރިއެވެ. އެހެންކަމުން ޖުމްލަ ހަ އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު ޖޫނިއަރ ނެޓްބޯޅަ ޓީމުން މުބާރާތާ ކުރިމަތިލާއިރު، ބައުހީނިއާ ކަޕުން ލިބުނު ތަޖުރިބާއަކީ މިމުބާރާތަށް ޓީމު ބައްޓަންކުރުމަށް ލިބުނު އެހީއެއްގެ ގޮތުގައި އެސިސްޓަންޓް ކޯޗު ސިފަކުރިއެވެ.

"އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ މުބާރާތެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިހާރު ތިން މުބާރާތް ގޮސްފި ބައިވެރިވާން ފުރުސަތު ނުލިބި، އެކޮޅަށް ދާން ހަމަނުޖެހިގެން. ހަ އަހަރުފަހުން އެކޮޅަށް ދާން ޔޫތު ޓީމެއް މި ރެޑީ ކުރެވުނީ. ފުރުމުގެ ކުރިއަށް މިބުނާހެން އެކްސްޕޯޝަރ މެޗުތައް ކުޅެލަން ލިބުން އެއީ ވަރަށް ރަނގަޅުކަމެއް. ސަބަބަކީ އެއީ އަޅުގަނޑުމެންނަށް ބޭނުންވާ އެހެނަސް ނުލިބިފަވާ ފުރުސަތުތަކަކީ." އީމާ ބުނެފަވެއެވެ.

ގައުމީ ޖޫނިއަރ ނެޓްބޯޅަ ޓީމުގެ ކެޕްޓަން ކަމުގައިވާ އާމިނަތު އައިނީވެސް ބުނެފައިވަނީ މުބާރާތުގެ އެއްވަނަ ނުވަތަ ދެވަނަ ހޯދުމަށް ބޭނުންވާ ކަމަށެވެ. ފައިނަލުން ޖާގައެއް ހޯދުމަށް ޓީމުގެ ހުރިހާ ކުދިންވެސް މަސައްކަތްކުރާނެ ކަމަށް އޭނާވަނީ ބުނެފައެވެ. "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އައިނީ ބުނެފަވަނީ ބައުހީނިއާ ކަޕުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވެއްޖެކަމަށާ ގިނަ ކަންތައްތަކެއް އެމުބާރާތުން ދަސްވިކަމަށެވެ.

"އެ އެކްސްޕީރަންސުން އަސްލު ވަރަށް ގިނަ އެއްޗިހި ދަސްވެގެންދިޔަ، ވަރަށް ބޮޑަށް ޓީމު ވޯކުވެސް ބިލްޑުވެގެން އައިސްފަ، ދުވަހަކުވެސް މިޓީމު އެއްކޮށެއް ބޭރުގަ ކުޅެފައެއް ނެތް. އެހެންވީމަ ވަރަށް ބޮޑަށް އޭގެން އެކްސްޕީރިއަންސު ލިބިފަވަނީ" ބައުހީނިއާ ކަޕުން ފަޚުރުވެރި ތިންވަނަ ހޯދި ޓީމުގެ ކެޕްޓަންކަންވެސްކޮށްފަވާ އައިނީ ބުންޏެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 11 ގައުމަކުން ވާދަކުރާނެއެވެ. މުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.

ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފަވަނީ 2023 ވަނަ އަހަރެވެ. ދެކުނު ކޮރެއާގައި އެ މުބާރާތްވެސް ބާއްވާފައިވާއިރު، އެ އަހަރު ޗެމްޕިއަންކަން ހޯދަފައިވަނީ ސިންގަޕޫރު ބަލިކުރުމަށްފަހު މެލޭޝިއާއިންނެވެ.