ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުގެ އެންމެފަހުގެ ތައްޔާރީތަކަށްޓަކައި ބައްލަވަންޖެހިވަޑައިގަންނަވާ ކަންކަން ބައްލަވަމުން ގެންދަވާކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ހުރި ޒަމާންވީ މުހިންމު ލިޔުންތަކާއި ފޮޓޯތަކާއި ކުރެހުންފަދަ ކަރުދާހާއި އެއާ އެއްފަދަ އެއްޗެހީގައި ހުރި ޑޮކިއުމެންޓްތައް ރައްކާތެރިކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ހިންގަވާ ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ޕްރޮގްރާމްގެ ތެރެއިން މިތަކެތި ރައްކާތެރިކޮށް ބެލެހެއްޓެވުމަށްޓަކައި ލެބޯޓްރީއެއް ޤާއިމްކުރައްވައި ޒަމާނީ ފެންވަރުގެ ޚާއްޞަ ސާމާނު ޤައުމީ ޢަރުޝީފުން މިހާރު މިވަނީ ހޯއްދަވާފައެވެ.ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ނަމުގައި ހިންގަވާ މި މަޝްރޫޢުގެ ދަށުން އަންނަނީ ފަސޭހަ، އަވަސް އަދި ރައްކާތެރި ގޮތަކަށް އަދި ރައްކާތެރި ފޯމެޓެއްގައި މިފަދަ ޑޮކިއުމެންޓް ބެހެއްޓޭނެ އަދި ބެލެހެއްޓޭނެ މަގުތައް ފަހިކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތް ކުރެއްވުމަށް ގެންނަވާ ސްކޭނަރަކީ ގަޑިއިރެއްހާއިރުގެ ތެރޭގައި އޭގައިވާ ޚާއްޞަ އޮޓޮމެޓިކް ބައިތަކުގެ އެހީގައި 2500 ޞަފުޙާ ސްކޭންކުރުމުގެ ޤާބިލުކަން ލިބިފައިވާ ސްކޭނަރެކެވެ. މީގެ ޒަމާންތަކެއް ކުރީގައި ލިޔެވިފައިވާ ދައުލަތުގެ ލިޔެކިޔުންތަކާއި، މުހިންމު ފަތްފުށްތައް، ޚާއްޞަކޮށް ދިވެހި ތާރީޚީ އަދި އާސާރީ ފަތްފުށްތައް ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓްގެ ދަށުން ރައްކާތެރިކުރެވޭނެއެވެ. img:http://s4.psmnews.mv/images/660x400/14655057368097.jpg|ތާރީޚީ ފޮޓޯ ތަކެއް- ފޮޓޯ: ޕީއެސްއެމް
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ އަރުޝީފުގެ ސީ.އީ.އޯ މުޙައްމަދު ޝާތިރު ވިދާޅުވީ ސްކޭނަރ ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 45 ދުވަހުގެ ތެރޭގައި ސްކޭނަރ ގެނެވި އޭގެ މަސައްކަތް ފެށޭނެކަމަށެވެ. އެގޮތުން މި މެޝިން ގެނަންނަވާއިރަށް މަސައްކަތް ފެއްޓެވުމަށް ކުރަންޖެހޭ ފަހުގެ ތައްޔާރީތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރައްވައި މަސައްކަތް ތަރުތީބުކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.އަދި މި މަސައްކަތް ކުރިޔަށް ގެންދަވާނެ ގޮތުގެ ތާވަލެއް މި މަޢުލޫމާތުގެ އަލީގައި އެކުލަވާލައްވާނެ ކަމަށްވެސް މުޙައްމަދު ޝާޠިރު ވިދާޅުވިއެވެ.ދިވެހި ޤައުމީ ޢަރުޝީފުން ވިދާޅުވީ ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ރޮބޮޓިކް ބުކް ސްކޭނަރ ބޭނުންކުރައްވައިގެން ފުރަތަމަ މަސައްކަތް ކުރެވޭނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެގިނަ ލިޔެކިޔުންތައް ބޭނުންކުރާ އިދާރާތަކާއި މުއައްސަސާތަކުގައި ހުރި ޑޮކިއުމެންޓްތަކަށް އިސްކަންދެއްވައިގެންކަމަށެވެ.ރޮބޮޓިކް ބުކް ސްކޭނާރ ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ސަންޖީވް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. މި ސްކޭނަރ ހޯއްދެވުމަށް ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ޤައުމީ ޢަރުޝީފުން ވިދާޅުވިއެވެ.