ޚަބަރު

ވައިގަދަވެ މާލެއާއި ހުޅުމާލޭގައި ގަސްތައް ވެއްޓި ގެއްލުންތަކެއް!


  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަނީ ވަޔާ އެއްލާލާފަ

  • މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވޭ

ވައިގަދަވެ މާލެއާއި ހުޅުމާލޭގައި ގަސްތައް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް އައި ވިލާގަނޑުގައި ގާތްގަނޑަކަށް 52 މޭލަށް ވައިގަދަވެފައި ވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ގަދަ ވަޔާއެކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަސްތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ޖަހާފައިހުރި ފެންސުތަކަށް ވަނީ އެކިވަރުގެ ގެެއްލުންތައް ވެފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަނީ ވަޔާ އެއްލާލާފައެވެ.

..

މީގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެ ސަރަހައްދުތަކުގައި ފުލުހުންނާއި ގުޅުންހުރި އިދާރަތަކުން ވަނީ ހަރަކާތްތެރިވެފައެވެ. މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.