ޚަބަރު

ފޭރުނު ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފި


  • ފުލުހަކަށްވެސް އެކިވަރުގެ އަނިޔާ ވެފަައިވޭ

  • މި މައްސަލައިގައި 2 މީހަކު ވަނީ ހައްޔަރުކޮށްފައި

ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކާއި ފޭރުނު ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، ބަޔަކު މީހުން ލޮނުޒިޔާރަތް މަގުގައި ހުރި ތަނަކަށް މީހަކު ވައްދައި، ބިރުދައްކައިގެން އެކައުންޓުން 200 ރުފިޔާ ޓްރާންސްފަކުރުވި މައްސަލައެއް ހުކުރު ދުވަހުގެ ރޭ 23:57 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑުވިއިރު ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ ފަރީސާ މަންޒިލް އުމުރުން 23 އަހަރުގެ ހަސަން ލުޖެއިން މުޙައްމަދާއި، އަދި ހ. ކަނޑުފިނިގެ އުމުރުން 55 އަހަރުގެ މުޙައްމަދު ޝަފީއެވެ. އެމީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުންނަށާއި ފުލުހަކަށްވެސް އެކިވަރުގެ އަނިޔާވެފައިވާކަމަށާއި، އެމީހުންނަށް ފަރުވާ ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

ފޭރުނު މައްސަލަ އާއި ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.