ޚަބަރު

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި


  • 56 ފުޅި އާއި 73 ދަޅު ބަނގުރާ ނައްތާލާފައިވޭ

  • މިތަކެއްޗަކީ ކައްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ތަކެތި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 17 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއަރޕޯޓު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

އެގޮތުން، މިއަދު ނައްތާލާފައިވަނީ 56 ފުޅި އާއި 73 ދަޅު ބަނގުރަލެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.