ޚަބަރު

ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވައިފި


  • ޤައުމީ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހއ. އުތީމުގަ

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ. އެމަނިކުފާނު ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.

މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގަ ފާހަގަ ކުރާއިރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ އުތީމުގައެވެ. ޤައުމީ ދުވަސް ފާހަގަކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން މިރޭ އުތީމުގައި ހަވާ އެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މާދަމާވެސް އުތީމުގައި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ 4:30 ގައި ބަންޑާރަކޮށިން ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.