މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި އިސް ދަނޑުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވައި ތަމްރީންކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސް ދަނޑުވެރިންގެ ބޭނުމަކީ އެރަށެއްގައި މެޕް ޕްރޮޖެކްޓުން އަޅާފައިވާ ގްރީންހައުސްގައި އަދި މި ޕްރޮޖެކްޓާއެކު މަސައްކަތްކުރާ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައާއި ބިމުގައި ގަސް ހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ ޕްރޮޖެކްޓުން ދަސްކޮށްދޭ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުމަށް ކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ ޕްރޮޖެކްޓުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ޕްރޮޖެކްޓް އަދި މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވާން ޖެހޭކަމަށް ވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މެޕް ޕްރޮޖެކްޓުން ގްރީންހައުސް އަޅާފައިވާ ރަށްތަކާއި އަދި އާ ގްރީންހައުސްތައް އަޅާރަށްރަށުގެ އައި.އެފް.އެފް މެންބަރުންގެ ތެރެއިން ކޮންމެ ރަށަކުން މަދުވެގެން 2 މީހުން ނެގުމަށް ނިންމާފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
* ހއ. މޮޅަދޫ
* ހއ. ކެލާ
* ހއ. ފިއްލަދޫ
* ހއ. އުލިގަމް
* ހދ. ކުމުންދޫ
* ހދ. ވައިކަރަދޫ
* ހދ. މަކުނުދޫ
* ހދ. ނޭކުރެންދޫ
* ހދ. ނޮޅިވަރަންފަރު
* ށ. ކަނޑިތީމު
* ށ. ގޮއިދޫ
* ށ. ބިލެތްފަހި
* ށ. ފޯކައިދޫ
* ށ. ނަރުދޫ
* ށ. ފޭދޫ
އިސް ދަނޑުވެރިން ހޮވުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ވަގުތު ދެވޭނެ މިންވަރު، މިހާރުވެސް ގްރީން ހައުސްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އިސްކޮށް އެހެން ދަނޑުވެރިންނަށް ހިތްވަރުދިނުމުގައި ހަރަކާތްތެރިވާ މިންވަރު ހިމެނެއެވެ. އަދި ގްރީންހައުސްގައި އިންދާ ތަކެތީ ގެ ދުވަހުން ދުވަހަށް ކުރާކަންތައްތަކުގައި އިސްކޮށް ގޮތްކިޔާ ޓްކެނިކަލް ކަންތައްތަކުގައި އިސްކޮށް ގްރޫޕްތެރެއިން ހަރަކާތްތެރިވާ ފަރާތްތައް ވެސް ބަލާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސް ދަނޑުވެރިން ހޮވާނީ ކޮންމެ ރަށެއްގައިވެސް އައި.އެފް.އެފްގެ ބޯޑުގައި އެކްސްޓެންޝަން ލިންކު ފާމަރެއް ހޮވާފައިހުރިނަމަވެސް އެކްސްޓެންކްޝަން ލިންކު ފާރމަރެއްގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތައްވުރެ ބޮޑު މަސްއޫލިއްޔަތެއް ލީޑް ފާމަރ އަދާކުރަންޖެހޭތީ ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް އައި.އެފް.އެފް މެންބަރުންގެ މަޝްވަރާއާއެއްކޮށް ހަމަޖެއްސުމަށްވަނީ ނިންމާފައެވެ.
އެހެންކަމުން ކޮންމެ ރަށަކަށް ދަތުރުކޮށް އެރަށެއްގެ އައި.އެފް.އެފްގެ މެންބަރުންނާ ބައްދަލުކޮށް ލީޑް ފާމަރުންގެ ބޭނުމާއި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކިޔާދެވޭނެއެވެ. އަދި ބައްދަލުވުމަށް ހާޒިރުވާ އައި.އެފް.އެފް މެންބަރުންގެ ތެރެއިން މިކަމަށް އިސްނަގަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި ދެ މީހުންނަށްވުރެގިނައިން މިކަމަށް އިސްނަގައިފިނަމަ އެތަނުން ދެ މީހުންހޮވާނީ ބައްދަލުވުމަށް ވަޑައިގެންތިއްބެވި އައި.އެފް.އެފްގެ މެންބަރުންގެ ތެރެއިން ސިއްރު ވޯޓެއް ނަގައިގެންނެވެ.
ވަކި ފަރާތެއް އިސްވެ މިކަމަށް ކުރިމަތި ނުލައިފިނަމަ ބައްދަލުވުމަށް ވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ފާހަގަ ވާ ފަރާތެއް ބައިވެރިންނަށް ހުށަހަޅައިގެންވެސް އައްޔަންކުރެވިދާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
އިސް ދަނޑުވެރިންނަށް މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީންތައް މިހާރު ދީފައިވާއިރު، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަދި އެހެނިހެން ގޮތްގޮތުންވެސް ގަސްހެއްދުމާގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތައް ވަނީ ކުރިޔަށް ގެންދެވިފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ގަސް އިންދުމަށް ބޭނުންކުރާ މީޑީއާ، ގަހުގެ ބައިތައް، ގަހަށް ބޭނުންވާ ކާނާގެ މާއްދާތައް، ގަހަށް ޖެހޭ ބަލިތައް އަދި ބަލިތައް ކޮންޓްރޯލްކުރާނެގޮތްތައް ދަސްކޮށްދެވެއެވެ.
މީގެއިތުރުން ގަސް ހައްދާއިރުގައި ގެންގުޅެންޖެހޭނެ އެންމެ ރަނގަޅު މިންގަނޑުތަކާއި، ހިސާބުބެލެހެއްޓުމާއި، ކްރޮޕް ޕްލޭނަރއާއި އަދި ޗެކްލިސްޓް ބަލަހައްޓާނެގޮތާއި ގްރޫޕެއްގޮތުގައި މަސައްކަތްކުރުމާއި، ގްރޫޕް މެނޭޖްކޮށް މޯޓިވޭޓްކޮށްގެން މަސައްކަތްތައް ބައްޓަންކުރެވޭނެގޮތުގެ ތަމްރީން ޕްރޮގްރާމްވެސް، އިސް ދަނޑުވެރިންނަށް ދެވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މެޕުން އަންނަނީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، ކުރިއެރުވުމަށް ދަނޑުވެރިކަމުގެ އައު އީޖާދީ ގޮތްތައް ދަނޑުވެރިންނަށް ތައާރަޕްކޮށްދީ ދަސްކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކާއި ތަމްރިންތައް ހިންގަމުންނެވެ.