ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްހޫމް މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކުގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއިން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
މަޓީގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދެވި އެމްޔޫ މަނިކު، އުމުރުފުޅުން 78 އަހަރުގައި އަވަހާރަވެފައިވަނީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.
މަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވާފައި ވަނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ 4 ވަނަ ފަންގިފިލާގައެވެ. މި ދަފްތަރުގައި ޢާންމުންނަށްވެސް ސޮއިކުރެވޭނެއެވެ.
ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަފްތަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މުޙައްމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.
މީގެ އިތުރުން މުޙައްމަދު އުމަރު މަނިކު ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އެމަނިކުފާނަށް ވަނީ 2011 ވަނަ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުފާފައެވެ.