ރާއްޖޭގެ ބޮޑުބަޔަކަށް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.