ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ބަޔަކުހޯދަން އިއުލާންކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކުރީ ބިލްޑު އެންޑް މެއިންޓަނަންސް ހިމެނޭގޮތަށެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނެރުނު އިއުލާނުގައި ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީގެ ފަރާތްތަކަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެ ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިމަހުގެ 22 ވާ ހޯމަދުވަހުގެ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާންއެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އެހެންނަމަވެސް ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މާލޭގައި ތަރައްޤީ ކުރާ ވަޤުފު އިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް މި ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައިވެއެވެ.