އިރުބެ މަތިވެރި ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ބަބްލް ޕޮއިންޓުން ހޯދައިފިއެވެ. އއ. ބޮޑުފޮޅުދޫގެ ބަބަލް ޕޮއިންޓް މަތިވެރި ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބޮޑުފޮޅުދޫ 2-0 ބަލިކޮށްގެންނެވެ.
ފައިނަލް މެޗުގައި ބަބްލް ޕޮއިންޓުޖެހި ދެ ލަނޑުވެސް މެޗުގެ ފުރަތަމަ ހާފްގައި ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު ޖަހައިދިނީ އަފްނާން އަލީއެވެ.
ދެވަނަ ލަނޑު ޖަހައިދީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ އަހުމަދު މާއިން (މައްޓު) އެވެ. މާއިން ވަނީ މުބާރާތުގައި ޖުމްލަ 7 ލަނޑު ޖަހާ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރެެއިންވެސް ޖާގަ ހޯދާފައެވެ.
މާއިން އާއެކު 7 ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހޯދާފައިވަނީ ބަބްލް ޕޮއިންޓްގެ ކެޕްޓަން ޔޫނުސް ރައްޔާން އާއި އެސްއާރުސީ މަތިވެރި ޓީމުގެ އަލީ އަލްސަންއެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބަބްލް ޕޮއިންޓުގެ މާއިން އާއި ރައްޔާންގެ އިތުރުން ޔަނާލް އާއި އެސްއާރުސީ ބޮޑުފޮޅުދޫގެ ޖާދުﷲ އާއި އެސްއާރުސީ މަތިވެރި ޓީމުގެ ޝަފްރާޒެވެ.
އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ބަބްލް ޕޮއިންޓްގެ ކޯޗު އިބްރާހިމް ނަސީމެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއާ ނުވަތަ ގޯލްޑަން ބޯއީގެ މަގާމް ހޯދީ އެސްއާރުސީ މަތިވެރީގެ އަބްދުﷲ ޒާހިލްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ، ޕްލޭޔަރ އޮފް ދަ ސީޒަން މަގާމް ހޯދީވެސް ބަބްލް ޕޮއިންޓުގެ ޒުވާން ތަރި މާއިންއެވެ.
މަތިވެރި ފުޓްސަލް ލީގަކީ ކޮންމެ އަހަރަކުވެސް ހަފްތާ ބަންދުތަކާ ދިމާކޮށް މަތިވެރީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވާދަކުރި އިރު ލީގު އުސޫލުން ކުޅުމަށްފަހު މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ގަދަ ހަތަރު ޓީމެވެ.
ސެމީފައިނަލް މެޗު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގް ކުޅުމަށްފަހު އެގްރިގޭޓް ނަތީޖާއިން ކުރިހޯދާޓީމެއް މުބާރާތުގެ ފައިނަލަށް ދަތުރުކުރާގޮތަށެވެ.