ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުޙައްމަދު މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ ސަޢީދުގެ އިތުރުކުން އެކުންފުނީގެ އިސް ވެރިޔަކު ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ކުށުގެ ދަޢުވާއެވެ.
މި ދަޢުވާ ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި މައްސަލާގައެވެ.
ފެނަކައިގެ ކުރީގެ އެމްޑީ އަޙްމަދު ސަޢީދާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
މި މައްސަލައިގެ އިތުރުންވެސް ފެނަކައިގެ ކުރީގެ ވެރިންނަށް ތުހުމަތުކުރެވޭ ސީރިއަސް ގިނަ މައްސަލަތަކެއް ބަލަމުންދާކަމަށާއި، އެ މައްސަލަތަކުގައި ދަޢުވާކުރުމާއި މެދު ގޮތެއްނިންމަން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހާއިއެކު މަޝްވަރާ ކުރަމުންދާކަމަށްވެސް އޭސީސީން ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ.