ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް ޕީއެޗްޑީއާހަމައަށް ކިޔެވުމުގެ ފުރުޞަތު


  • 1 ވަނަ ހޯދާ ފަރާތްތަކަށް ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުޞަތު

  • އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް އަރުވާނެ

  • މުބާރާތުގެ ހުރިހާ ވަނަތަކަކަށްވެސް ހުށަހަޅާފައިވާ އިނާމުތައް ވަނީ ބޮޑުކޮށްފައި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށްކަމަށް ވިދާޅުވެފައެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމަވާފައިވާކަމަށެވެ.

އަދި މުޅި މުބާރާތުން 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ 18 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1023 ފަރާތަކުން ބައިވެރިވިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މިމުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.