ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާ ނުދައްކައިގެން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ. މީގެކުރިން އެ ވުޒާރާއިން ވަނީ ފީތައް ދެއްކުމަށް، އެއްބަސްވުމެއްގެ ދަށުން ލުއިގޮތްތަކެއް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ހަމަޖައްސައިދީފައެވެ.
ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވަރކް ޕަރމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900އެއްހާ މީހުންނެވެ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްތްތަކެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. މިހާތަނަށް އެ ވުޒާރާއިން ވަނީ ރާއްޖޭފައި ދިރިއުޅެމުންދާ 177،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައެވެ.