ޚަބަރު

ކަންނެލި މަސް ބަންދުކުރާ ފެސިލިޓީ ތަރައްޤީކުރަން ބިން ހަވާލުކޮށްފި


  • ކާރުހާނާ ތަރައްޤީކުރުމަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ވަނީ ލިބިފައި މި ކާރުހާނާއަކީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ހުންނާނެ ތަނެއް

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ޤާއިމްކުރާ ފެސިލިޓީ ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން ހަވާލުކޮށްފިއެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލޭގައި ޤާއިމްކުރާ ފެސިލިޓީގެ މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ މިފްކޯގެ ފެސިލިޓީ ތަރައްޤީކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެނެވެ. މި ފެސިލިޓީއަކީ މީގެކުރިން ކަނޑުއޮތްގިރީގައި ޤާއިމްކުރުމަށް ހަމަޖެހިފައި އޮތް ކާރުހާނާއެއްނަމަވެސް، ހުޅުމާލެއިން ބިމެއް ހަމަޖެހުމުން ސަރުކާރުން ވަނީ މި ކާރުހާނާ ހުޅުމާލޭގައި ތަރައްްޤީކުރުމަށް ނިންމަވާފައެވެ.

މި ފެސިލިޓީ ތަރައްޤީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީން ވަނީ ލޯނު އެހީއެއް ހަމަޖައްސާފައެވެ. މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް ތަރައްޤީކުރާ މި ފެސިލިޓީއަކީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ހުންނާނެ ފެސިލިޓީއެކެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފައިވާްއިރު، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީއާއި މާލީ ވުޒާރާއާއި މަސްވެރިކަމާބެހޭ ވުޒާރާއިންނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމްއެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ މިއަހަރު ފެސިލިޓީގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އަންނަ އަހަރު މި ފެސިލިޓީގެ މަސައްކަތް ނިންމައި، މަސްވެރިންނަށް މިތަނުގެ ފައިދާ ލިބިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.