ޚަބަރު

ތުލުސްދޫގައި ސްޓެލްކޯއިން ޤާއިމުކުރި ފެން ޕްލާންޓް ރައީސް ހުޅުވައިދެއްވައިފި


  • މި މަޝްރޫޢުގެ ދަށުން 350 ގެއަށް ފެނުގެ ޚިދުމަތް ވަނީ ދެވިފަ

  • މި މަޝްރޫޢުގެ ދަށުން 200 ޓަނުގެ 2 RO ޕްލާންޓް ވަނީ ޤާއިމްކުރެވިފަ

ކ. ތުލުސްދޫގައި ސްޓެލްކޯއިން ޤާއިމުކުރި ފެން ޕްލާންޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

ތުލުސްދޫ ފެން ޕްލާންޓް ހުޅުއްވާދެއްވީ، ރައީސުލްޖުމްހޫރިއްޔާ ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ތުލުސްދޫ ފެން ޕްލާންޓް ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

މި މަސައްކަތަކީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.

މި މަސައްކަތް 29 ޑިސެމްބަރ 2021 ފަށާފައިވާއިރު މި މަހުގެ 19ވަނަ ދުވަހު ވަނީ ކޮމިޝަން ކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ވަޞީލަތްތަކަކީ 200 ޓަނުގެ 2 RO ޕްލާންޓާއި، 1400 ޓަނުގެ 2 RO ޓޭންކްއާއި، 1200 ޓަނުގެ 1 RW ޓޭންކްގެ އިތުރުން 17،336 މީޓަރުގެ ނެތްވަރކް ލައިނެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 350 ގޭބިސީއަކަށް ވަނީ ފެނުގެ ޚިދުމަތް ގުޅައިދީފައެވެ. މިއީ ސަރުކާރުން 50.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.