ޚަބަރު

ކޮރެއާގެ 5 ޔުނިވާސިޓީއަކުން މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި


  • ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، މިމަހުގެ 17ވަނަ ދުވަހުގެ މެންދުރު ދެއަކަށް

  • ސްކޯލާޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ފަރާތް ނޮމިނޭޓްކުރެވޭނެ

  • ސްކޯލާޝިޕްތަކަށް ކުރިމަތިލެވޭނީ ކިޔެވުމަށް ލޯނެއް ނަގައިފިނަމަ އެ ލޯނެއް ޤަވާއިދުން ދައްކަމުންދާ ފަރާތްތަކަށް

ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރާއި ކޮރެއާ އިންޓަނޭޝަނަލް އޭޖެންސީ (ކޮއިކާ) ގުޅިގެން ފަސް ދާއިރާއަކުން ކޮރެއާގެ ފަސް ޔުނިވާސިޓީއެއްގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްކޮލަރޝިޕްއަށް ހުޅުވާލާފައިވާ ދާއިރާތަކާއި ޔުނިވާރސިޓީތައް:

* މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ - އެވްހާ ވޮމެންސް ޔުނިވާރސިޓީ
* މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ - ހަންޔަންގ ޔުނިވާރސިޓީ
* މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް - ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން
* މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ - ކޮރެއާ ޔުނިވާރސިޓީ
* މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް - ސެއޯލް ނެޝަނަލް ނުނިވާރސިޓީ

އެ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުން އެ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗެލާސް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކަކީ، އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހަށް 35 އަހަރު ނުފުރޭ ފަރާތަކަށް ވުމާއި، ޓެސްޓް އޮފް އިންގްލިޝް ފޮރިން ލެންގުއޭޖް، ޓީއޯއެފްއެލްއިން 570 އަށްވުރެ މަތިން ލިބިފައިވުން ނުވަތަ އިންޓަނޭޝަނަލް އިންގްލިޝް ލެންގުއޭޖް ޓެސްޓް ސިސްޓަމް އައިލެޓްސްއިން މަދުވެގެން އޯވަރޯލް ސްކޯގެ ގޮތުގައި ހައެއް ލިބިފައިވުން ހިމެނޭ ކަމަށެވެ. އަދި އެ ދަރިވަރަކު ކުރިމަތިލާ ޔުނިވާސިޓީގެ މިންގަނޑުތަކާ އެންގޮތަށް އިނގިރޭސި އެނގެން ޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ޔުނިވާރސިޓީގެ އެހެނިހެން ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެއެވެ. އަދި މި ސްކޯލާޝިޕްތަކަށް ކުރިމަތިލެވޭނީ، ކިޔެވުމަށް ލޯނެއް ނަގައިފިނަމަ އެ ލޯނެއް ޤަވާއިދުން ދައްކަމުންދާ ފަރާތްތަކަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، ސްކޯލާޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ފަރާތް ނޮމިނޭޓްކުރެވޭނެ ކަމަށާއި، އެ ފަރާތްތަކުގެ ފޯމުތައް ހުށަހެޅުމުން ސްކޯލާޝިޕް ލިބޭ ދަރިވަރު ކަނޑައަޅާނީ ކޯސް އިންތިޒާމްކުރާ ފަރާތްތަކުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 17ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ނިޔަލަށެވެ. އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ހާޑް ކޮޕީ ހުށަހެޅުމަށް ހުޅުވާލާފައިވަނީ، މި މަހުގެ 18ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.