ޚަބަރު

ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނުކުތުމަށް އައު ލޯނު ސްކީމެއް


  • ސްކީން ދޫކުރަނީ ޝަރީޢާ އުސޫލުތަކުގެ ތެރެއިން

  • 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭނެ

  • 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ލިބޭނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްސީއިން ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލައިފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި ސްކީމުގެ މަޤްޞަދަކީ ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމެވެ.

މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް އެސްޑީއެފްސީއިން ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.

މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު %9.5 އެވެ. މި ފުރުސަތުގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމާއި ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއްކަމަށެވެ. އެގޮތުން މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ ކަމަށް ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިއެވެ.

އަލަށް މި ހުޅުވާލެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ.