ޑްރޯން ޙަމަލާތަކެއް ދޭން އުޅޭ ކަމަށް ޝައްކު ކުރެވުމާ ގުޅިގެން ބެލްޖިޔަމްގެ ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ބަންދު ކުރަން ޖެހިއްޖެއެވެ. ބެލްޖިޔަމްގެ މައި ވައިގެ ބަނދަރުތަކާއި އަސްކަރީ ވައިގެ ބަނދަރެއް ކައިރިން ޑްރޯންތަކެއް ދަތުރު ކުރުމާ ގުޅިގެން، ވައިގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑައިލައި، ވައިގެ ބަނދަރުތައް ބަންދު ކުރަން ޖެހުނެވެ. އަދި، މި ކަމާ ގުޅިގެން ބެލްޖިޔަމްގެ ސަރުކާރުން ވަނީ ސަރުކާރާއި ސަލާމަތީ ދާއިރާގެ ވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
ފާއިތުވި މަސްތަކުގެ ތެރޭގައި ވިލާތުގެ އެހެން ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވެސް ޑްރޯންތަކެއް އެތެރެވެފައިވެއެވެ. އެއީ، ރަޝިޔާގެ އަސްކަރީ ޑްރޯންތަކެއް ކަމުގައި ވިލާތާއި ހުޅަނގުގެ ޤައުމުތަކުގެ ވެރިން ތުހުމަތު ކުރެއެވެ. ނަމަވެސް، މޮސްކޯއިން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. ޑްރޯންތައް އެތެރެވި ހާދިސާއާ ގުޅިގެން 81 ވައިގެ ދަތުރު ކެންސަލް ކުރަން ޖެހުނު ކަމުގައި ބެލްޖިޔަމްގެ އިދާރާތަކުން ހާމަކުރިއެވެ.
ބެލްޖިޔަމްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް ވަނުމާ ގުޅިގެން ބަންދު ކުރަން ޖެހުނު ވައިގެ ބަނދަރުތަކުގެ ތެރޭގައި ވެރިރަށް ބްރަސޮލްސްގެ މައި ވައިގެ ބަނދަރު ހިމެނެއެވެ. ބެލްޖިޔަމްގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ބުނީ، ރޭގަނޑު 8 ޖެހިއިރު ބްރަސޮލްސްގެ ވައިގެ ސަރަޙައްދަށް ތިން ޑްރޯން ވަނުމާ އެކު ވައިގެ އުދުހުންތައް މެދުކަނޑައިލައި، ވައިގެ ބަނދަރު ބަންދު ކުރަން ޖެހުނު ކަމުގައެވެ. ހަމަ އެ ވަގުތު، އަންޓްވެއަރޕާއި ލީޖް އަދި އޮސްޓެންޑަރގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް ވަދެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، ފްލޮރެންގައި އޮތް އަސްކަރީ ވައިގެ ބަނދަރެއްގެ ކައިރިން ޑްރޯންތަކެއް ދަތުރު ކޮށްފައިވާ ކަމުގައި ބެލްޖިޔަމްގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ. ޑްރޯންތަކުގެ ނުރައްކާ ކެނޑުނު ކަމަށް ބަލައި، ބަރަސޮލްސްގެ ވައިގެ ބަނދަރު ހުޅުވައި، ޚިދުމަތް ދޭން ފެށުމާ އެކު، އެ ސަރަޙައްދުން އިތުރު ޑްރޯންތަކެއް ދަތުރު ކޮށްފައިވާ ކަމުގައި ވެސް އެ ޤައުމުން ބުންޏެވެ.
މި ކަމާ ގުޅިގެން ބެލްޖިޔަމުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، ދިފާޢީ ވަޒީރު ތިޔޯ ފްރަންކާ ވިދާޅުވީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް ފޮނުވުމަކީ ރާވައިގެން ދީފައިވާ 'ހައިބްރިޑް' ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. "މިއީ، ވަރަށް ރާވައިގެން ހިންގާފައިވާ އަމަލެއް ކަން ހެކިތަކުން ސާފުވޭ،" ބެލްޖިޔަމްގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކާ މަޢުލޫމާތު ހިއްސާ ކުރައްވަމުން ފްރަންކާ ވިދާޅުވިއެވެ.
ބެލްޖިޔަމްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް އެތެރެވުމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅުން އޮތް ހާދިސާއެއް ކަމުގައި ބްރަސޮލްސުން ޤަބޫލު ކުރާއިރު، ޔޫކްރެއިންގެ ޕޯކްރޮވްސްކުގައި ރަޝިޔާއާއި ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު މި ވަގުތު ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. ރަޝިޔާގެ އަތްދަށަށް ޕޯކްރޮވްސްކް ގެންދިޔުމަށް އެ ޤައުމުގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ކަން ހުއްޓުވަން ޔޫކްރެއިންގެ ލަޝްކަރުތަކުން ވެސް ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.
ޕޯކްރޮވްސްކަކީ ޔޫކްރެއިންގެ އިރުމަތީގައި އޮތް މުހިންމު ރަށެކެވެ. އެ ރަށުގެ އުތުރުގެ ސަރަޙައްދުތަކުގައި ރަޝިޔާގެ ފައުޖުތަކުން ހަރަކާތްތެރިވަމުންދާއިރު، ޔޫކްރެއިނުން ބުނީ ރަޝިޔާ ސިފައިންގެ އަތްދަށުން އެ ރަށް ދިފާޢު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އެ ރަށަށް އަތްގަދަ ކުރުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ކެމްޕޭނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ރަޝިޔާގެ އިރުމަތީ ދޮންބާސް ސަރަޙައްދު ހިފުމަކީ ރަޝިޔާގެ އަސްކަރީ ލަނޑުދަނޑިއެކެވެ. މި ވަގުތު، ދޮންބާސްގެ %90 ސަރަޙައްދެއް އޮތީ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ. މުޅި ދޮންބާސް ރަޝިޔާގެ އަތްދަށަށް ގެންދިޔުމަށް ޕޯކްރޮވްސްކް ހިފުމަކީ ރަޝިޔާއަށް މުހިންމު އަމާޒެކެވެ. އެއީ، ގާތްގަނޑަކަށް 5,000 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ރަށް ދިފާޢު ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކަށް އަމާޒުކޮށް ރަޝިޔާގެ ދެ ލަޝްކަރަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އެ ސަރަޙައްދުގައި ތިބި ޔޫކްރެއިންގެ ސިފައިން ވަށައިލާފައިވާ ކަމުގައި ރަޝިޔާއިން ބުނާ ބުނުމުން ކީވުން ދޮގު ކުރެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލްންސްކީ ވިދާޅުވީ، ޕޯކްރޮވްސްކް ދިފާޢު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް، މިހާތަނަށް އެ ރަށަށް ވަދެފައި ވަނީ ރަޝިޔާގެ އެންމެ 300އެއްހާ ސިފައިން ކަމުގައެވެ. ނަމަވެސް، މި ކަން ދޮގު ކުރަމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ހަނގުރާމައިގެ މައިދާނުގެ ހާލަތު ޒެލެންސްކީއަށް އެނގިވަޑައި ނުގަންނަވާ ކަމުގައެވެ.