އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއެކު މިވަގުތު ހަމަހަމަ އަދި އިންސާފުވެރި މަޝްވަރާތަކެއް ކުރެވިދާނެ މާޙައުލެއް އޮތް ކަމަށް ޤަބޫލުނުކުރައްވާކަމަށް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާވެސް މަޝްވަރާތައް ވަރަށް އަވަހަށް ފެށިދާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވަނިކޮށެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އޭގެ ކުރިން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ.
ނަމަވެސް، އީރާނަށް ޙަމަލާދިނުމާ އެކު އެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.
އީރާންގެ ވެރިރަށް ތެޙްރާންގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވި ގޮތުގައި، ޙަމަލާދީގެން ޙާޞިލް ނުކުރެވުނު ނަތީޖާ، މަޝްވަރާގެ ތެރެއިން ޙާޞިލް ކުރެވިދާނެކަމަށް އެމެރިކާއިން އުއްމީދުކޮށްގެން ނުވާނެކަމަށެވެ.
މަޝްވަރާގެ ރިވެތި އުޞޫލަށް އީރާނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް، މަޝްވަރާގެ ނަމުގައި މަޖުބޫރުން ކަމެއް ކުރުވަން ފުރުޞަތު ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ޔަހޫދީންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.