އެމެރިކާ އާއި ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ބައިނަލްއަޤުވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފޯރުކޮށްދޭ އެހީ މަދުކުރުމުގެ ސަބަބުން، 2030 ވަނަ އަހަރާ ހަމައަށްދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 22.6 މިލިއަން މީހުންގެ ފުރާނަ ގެއްލިދާނެކަމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި އިންޒާރު ދީފައިވަނީ، އެމެރިކާ އާއި އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުން ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކަށް ދެމުންދާ މާލީ އެހީތެރިކަން ކުއްލިގޮތަކަށް މަދުކުރުމާ ގުޅިގެންނެވެ.
އައިއެސްގްލޯބަލްގެ ދިރާސާގައި ބުނެފައި ވަނީ މާލީ އެހީ މަދުކުރަމުން ދިޔުމަކީ، ދުނިޔޭގެ ސިއްޙަތާއި ފަގީރުކަން ނައްތާލުމަށް އެތައް އަހަރެއްގެ މަސައްކަތުން ލިބިފައިވާ ކުރިއެރުންތައް ފަހަތަށް ސޮއްސާލާނެ ކަމެއް ކަމަށެވެ.
ގްލޯބަލް ހެލްތު ރިސާޗް ސެންޓަރުގެ ރިޕޯޓުގެ ކޮޕީއަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އެ ރިޕޯޓުގައި ވަނީ މަދުން އާމްދަނީ ލިބޭ 93 ޤައުމެއްގެ މަޢުލޫމާތުގެ އަލީގައި، ޑޭޓާ ބަލައި، 2025 ވަނަ އަހަރު ތަރައްޤީގެ އެހީ އިތުރަށް ކުޑަކުރުމުގެ ނޭދެވޭ އަޞަރު އަންދާޒާކޮށްފައެވެ.
ބޮޑެތި ޤައުމުތަކުން ދޭ މާލީ އެހީ މަދުކުރުމުން، 2030 ވަނަ އަހަރުގެ ނިޔަލަށް ފަސް އަހަރުން ދަށުގެ 5.4 މިލިއަން ކުދިން ހިމެނޭ ގޮތަށް އިތުރު 22.6 މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ހަމައެކަނި އެމެރިކާގެ އެހީ މަދުކޮށްގެން ކުރިން ކުރި ދިރާސާއެއްގައި ލަފާކުރި ވަރަށް ވުރެ މާ މަތީ ޢަދަދެކެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ނެދަލެންޑްސް އަދި ބެލްޖިއަމް އިން ދޭ އެހީގެ މިންވަރު %40، %37، %30 އަދި %25 ކުޑަކުރުމަށް އިޢުލާންކޮށްފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލިބޭ އެހީ ގެއްލިގެން ދިއުމުން ސިއްޙަތާއި ތަޢުލީމާއި ފަގީރުކަން ނައްތާލުމުގެ ދާއިރާއިން ފާއިތުވި 30 އަހަރުގެ ތެރޭގައި ލިބިފައިވާ ކުރިއެރުންތައް ގެއްލިގެން ދިޔުމުގެ ބިރު އޮތް ކަމަށް އެ ދިރާސާގައި އިންޒާރު ދީފައިވެއެވެ.