ޚަބަރު

އާސެނަލް މޮޅުވެ ފަރަގު ބޮޑުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 14 މެޗުން ޖުމްލަ 33 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ބްރެންޓްފޯޑް އަށް ލިބިފައިވާ 19 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެންމެ ފަހުން ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗަށް ނިކުތް ޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ.

އާސެނަލް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 11 ވަނަ މިނިޓުގައި ބެން ވައިޓް ދިން ޕާހަކުން މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކައި ހަވާޓްޒް އާއި ގެބްރިއަލް ޖިސޫސްގެ އިތުރުން ވިކްޓަރ ގިޔޮކޯރެސް އަށް އަނިޔާ ވެފައިވާތީ ފުރަތަމަ ޓީމުން ފުރުސަތު ލިބެމުންދާ މެރީނޯ މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ވަނީ މި އަހަރު 13 ލަނޑު ޖަހާފަ އެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި މިކޭލް މެރީނޯގެ އެސިސްޓަކުން ބުކަޔޯ ސަކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.