ޚަބަރު

ރާއްޖޭގައި ގިނައީ ބޭރު ޑޮކްޓަރުން، ލިބޭ ފުރުޞަތުގެ ބޭނުން ހިފުން މުހިންމު


  • ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ %50 އަކީ ބިދޭސީން

  • އަތޮޅުތަކުގައި އަދިވެސް ގިނައީ ބޭރު ޑޮކްޓަރުން

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައިވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔެވުމަށާއި އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ފުރުޞަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ. އަދި މިހާރު ރާއްޖޭގައި ތިބެގެންވެސް ކިޔެވުމުގެ ފުރުޞަތު އޮންނަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ރާއްޖެއިން ބޭރު ޑޮކްޓަރުންނެވެ.

އާބާދީގެ ކޮންމެ 500 މީހަކަށް ޑޮކްޓަރެއް ހުންނަ ކަމަށް 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކައެވެ. އަހަރުން އަހަރަށް ދިވެހި ޑޮކްޓަރުން ކިޔަވައި ނިމި ޤައުމީ ޚިދުމަތާއި ގުޅެމުން އަންނައިރު މިއަދަދު މިހާރު އިތުރުވާނެކަން ޔަޤީނެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށަށް ބޭނުންވާ މިންވަރަށް އަދިވެސް ދިވެހި ޑޮކްޓަރުން ނެތެވެ. މިވަގުތު ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ތެރެއިން %50 ޑޮކްޓަރުންނަކީ ބިދޭސީ ޑޮކްޓަރުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތް ސަރވިސަސް ޑރ. އަޙްމަދު އަޝްރަފް ވިދާޅުވީ މާލެ ސަރަޙައްދުގައި މުހިންމު ދާއިރާގެ ސްޕަޝަލިސްޓް ޑޮކްޓަރުން ތިބިނަމަވެސް އެ ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ބޭނުންވާކަމަށެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ޑޮކްޓަރުން ތަމްރީން ކުރަންޖެހޭކަމަށް ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ. ޑރ. އަޝްރަފް ވިދާޅުވީ އަތޮޅުތަކުގައި މަސައްކަތްކުރާނެ ސްޕެޝަލައިޒްޑް ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ހުރިހާ ސްޕެޝަލިޓީ ޑޮކްޓަރުން އުފެއްދުމުގެ މަސައްކަތް އެއީ މެދުކެނޑުމެއްނެތި އިތުރު ގޮތްތަކެއް ރާވައިގެން ކުރިއަށްގެންދަން ޖެހޭ މަސައްކަތެއް. މިހާރު ތަމްރީންކުރާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ. މެޑިކަލް ސްކޫލްއިންވެސް ޑޮކްޓަރުން ތަމްރީންކުރަން ފެށުމަކީ މިކަމަށް ލިބުނު ކުރިއެރުމެއް. އޭގެ ސަބަބުން ރާއްޖޭގައި ޑޮކްޓަރުން ތަމްރީން ކުރެވޭ." ޑރ. އަޙްމަދު އަޝްރަފް ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ، ޑޮކްޓަރުންގެ ކެރިއާ ޕާތުވޭއެއް އުފެއްދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ދިވެހި ޑޮކްޓަރުންނަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކި ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން ރާއްޖެއަށް ލިބޭ ސްކޮލަޝިޕްގެ ބޭނުން ނުހިފާ ދޫކޮށްލާކަމުގެ ކަންބޮޑުވުން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ. އެކަން އެގޮތަށް އޮތްނަމަވެސް ރާއްޖެއަށް ފުރުޞަތުތައް އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ލޯނުގެ އހެިޣައި ކިޔަވަން ދިޔުމުގެ ފުރުޞަތު މި އޮންނަނީ ފަހިވެފައި. ގިނަ ފަހަރު ބޭނުންވާ ޤައުމަކުން ފުރުޞަތު ހޯދާފައި ލޯނަށް އެޕްލައިކޮށްގެން ކުރިއަށްގެންދަނީ. ސިސްޓަމްގެ ތެރޭގައި ޕޭލީވްވެސް އޮންނާނެ. މިއީވެސް ކިޔަވަންދާން ބޭނުންވާ މީހުންނަށް ލިބޭ ހިތްވަރެއް." ޑރ. އަޙްމަދު އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ޑޮކްޓަރުންނަށާއި ނަރުހުންނަށް ބޭނުންވާ އިންޓާންޝިޕްގެ ފުރުޞަތުތައް މިހާރު ރާއްޖެއިން ފޯރުކޮށްދެނީ އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.

އައިޖީއެމްއެޗްގައި ކޮންމެ ބެޗްއަކަށް ލިބެނީ 50 ޖާގައެވެ. ހުޅުމާލެ ހޮސްޕިޓަލުން 15 ޖާގަ ލިބޭއިރު އޭޑީކޭއިން ލިބެނީ 25 ޖާގައެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ލިބެނީ 5 ޖާގައެވެ. އެހެންކަމުން މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުގައި އިންޓާންޝިޕް ހެދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތެވެ.

އޭގެ ތެރެއިން މިދިޔަ އަހަރު ބަންގްލަދޭޝްގެ 5 ހޮސްޕިޓަލެއްގައި އިންޓާންޝިޕް ހެދުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ. އަދި ދާދިފަހުން ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމް.ބީ.ބީ.އެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތު ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ކޮންމެ އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ އެ ހޮސްޕިޓަކުން ފަހިކޮށްދޭނެއެވެ.