ޚަބަރު

އެސްޓީއޯ ޓްރޭޑް ސެންޓަރުމަތިން މީހަކު ވެއްޓި މަރުވެއްޖެ


އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓި ދިވެއްސަކު މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިހާދިސާ ހިނގީ މިއަދު ހެނދުނު 7:30 އެހާއިރުކަމަށާއި، ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއްކުރިން އެމީހާ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާއިން ބައެއް އާއްމުންނަށް ފެނިފައިވާކަން މިހާތަނަށް އެގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މަރުވި މީހާއަކީ، ނަފްސާނީ މައްސަލައެއް ހުރެގެން ފަރުވާ ހޯދަމުންދާ މީހެއްކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރު އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް ތަހްގީގަށް ބޭނުންވާ ޓެސްޓްތައް ކުރެވެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަހްގީގުކުރައްވަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.