ޚަބަރު

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިފަހަރުވެސް އެތައް ޕްރޮގްރާމެއް


  • 18 އިޙްޔާ ފޯރަމް ކުރިއަށްގެންދާނެ

  • ދަރުސް ދިނުމުގެ ޕްރޮގްރާމާއި، އޮފީސްތަކުގެ ޤުރުއާން މުބާރާތް ކުރިއަށްގެންދާނެ

ކޮންމެ ރަމަޟާން މަހަކަށް ޚާއްސަކޮށްގެންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް ރަމަޟާންމަހުގެ މާތްކަމާ އެމަހާ ގުޅޭ އެކި މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އެކި ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ. މިއަހަރުގެ ރަމަޟާން މަހުވެސް މިފަދަ އެތައް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި އިޙްޔާ ފޯރަމްތަކާއި އެކި ދަރުސްތައް ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ރަމަޟާންމަހު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ އެންމެ ދުވަސްވީ ޕްރޮގްރާމް "އިޙްޔާ" ފޯރާމްތައް މިއަހަރުވެސް ކުރިއަށްގެންދާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އިޙްޔާ ފޯރަމްތައް ވަނީ އިތުރުކޮށްފައެވެ. ޚާއްސަކޮށް މާލޭގައި ކުރިއަށްގެންދާ ފޯރަމްތަކުގެ އިތުރުން އަތޮޅުތެރެއަށް އެ ފޯރަމްތައް މިއަހަރު ވަނީ ފުޅާކޮށްފައެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ބާއްވަމުން އައިނަމަވެސް އޭރު މި ފޯރަމްތައް ބާއްވާފައިވަނީ ވަރަށް މަދު ރަށެއްގައެވެ. ނަމަވެސް މިފަހަރު ތިނަދޫ ސިޓީ ހިމެނޭހެން 10 ރަށެއްގައި ފޯރަމްތައް އޮންނާނެއެވެ. މިއާއެކު މާލޭގައި ބާއްވާ 8 އިޙްޔާ ފޯރަމްއާއެކު ޖުމުލަ 18 ފޯރަމެއް ކުރިއަށްދާނެއެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމް މިރޭ ފަށާނެއެވެ. ފުރަތަމަ ފޯރަމް ކުރިއަށްދާނީ ތ. ދިޔަމިގިލީގައެވެ.

އިޙްޔާ ފޯރަމްތަކަކީ، އެކި މަޢުޟޫޢުތަކަށް ދަރުސްދީ އާއްމުންނަށް ސުވާލުވެސް ކުރެވޭ ގޮތަށް ބާއްވަމުން އަންނަ ފޯރަމެކެވެ. އަދި ދީނީ ފޮތްތައް ހަދިޔާ ކުރުމާއި ބައެއް ކަހަލަ އިނާމުތައްވެސް ފޯރަމްގެ ތެރެއިން އަންނަނީ ދެމުންނެވެ. އިޙްޔާ ފޯރަމްތަކަކީ ފޯރަމް ބާއްވާ މައިދާނަށް ގޮސްގެން ބައިވެރިވެވޭ ފޯރަމްތަކަކަށްވާއިރު މި ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނަގާ ކޮންމެ ރެޔަކުވެސް އަގު ހުރި އިނާމްތަކެއް ލިބެއެވެ. އިޙްޔާ ފޯރަމްތަކުގެ އިތުރަށް ކޮންމެ ދުވަހަކުވެސް އަޞުރު ނަމާދަށް ފަހު މިސްކިތްތަކުގައި އަންނަނީ ދީނީ ދަރުސްދެމުންނެވެ.

މި ޒަމާނަކީ ސޯޝަލް މީޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޒަމާނަކަށްވާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވީޑިއޯ ކޮންޓެންޓްތަކެއް އުފައްދައެވެ. މިއީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ހަދާ ކޮންޓެންޓްތަކެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބަލާއިރު ޢިބްރަތްތެރި ވާހަކަ، ހަލް ޔަސްތަވިޔާނި (އެއްފަދަވެގެންވޭ ހެއްޔެވެ؟)، ހުވަﷲ، އަޖަލު، ސީރަތުގެ ހިޔަލުގައި، ޖަވާހިރު، ޖާރނީ ޓު ޖަންނަތު، ޙާފިޡުން، ރީ ތިންކް އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށް ގެނެސްދޭ ސައިލަންޓް ކުއިޝަންސް ހިމެނެއެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރައްވުމާއެކު ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށްޓަކައި އޮފީސްތަކުގެ ޤުރުއާން މުބާރާތެއް އެ ވުޒާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މިއަހަރުވެސް މި މުބާރާތް ކުރިއަށްގެންދާއިރު މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ. މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން މިސްކިތުގެ ހޯލުގައެވެ. އަދި މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮންމެ އަަހަރަކުވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން ދީނީ އެތައް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާއިރު އެ ޕްރޮގްރާމްތަކުން ލިބޭ މަޢުލޫމާތުގެ ޢަލީގައި މި ރަމަޟާންމަހަކީ ބާއްޖަވެރި މަހަކަށް ހެދުމަށް ޢަޒުމް ކަނޑައަޅަންވީއެވެ.