އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވަދާޢީ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އައްޝަމްސި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިއަހަށް ވަދާޢީ ޒިޔާރަތެއް ކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ދައުރުގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ދޭދޭގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތާއި އެކަމުގައި ހޯއްދެވި ކާމިޔާބީއަށް އަލިއަޅުއްވާލައްވާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން pic.twitter.com/fP2jM3sXPO
— The President's Office (@presidencymv) February 24, 2026
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މިދައުރުގެ ތެރޭގައި އުއްމީދީ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ދެޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެފަރާތުންވެސް ގުޅިގެން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އައްޝަމްސީ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ 29 ޖުލައި 2023 ހުގައެވެ.
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ.