ކޮންމެ ވޯޓަކީވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ޤާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ބަޔަކަށްވާއިރު މާތްވެގެންވާ އިސްލާމް ދީނުގެ ޢަދުލުވެރި އުޞޫލުތަކަށް ނަޒަރު ހިންގާއިރުވެސް، ވޯޓަކީ އަމާނާތެއް ކަމަށެވެ. އަދި އެ ޙައްގު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެވެސް ހިތުގައި މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަން ބޭއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޝަކީލް ވިދާޅުވީ ކޮންމެ ވޯޓަކީވެސް މީހެއްގެ އަދުލުވެރިކަމާއި ޤާބިލުކަމުގެ މައްޗަށް ތިމާއަށް ދެވޭ ހެކި ބަހެއް ކަމަށެވެ. އަދި، ޤައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ކައުންސިލްތަކަށް ރައްޔިތުންގެ މަންދޫބުން ހޮވުމަށް ދޭ ކޮންމެ ވޯޓަކީ، ޤައުމީ ތަރައްޤީއަށާއި، ޤާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންވެސް އަދި ނުސީދާގޮތުންވެސް އަސަރު ފޯރުވާނެ ނިންމުމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 25ވަނަ ދުވަސް ފާހަގަކުރަމުންދަނީ ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ "ވޯޓަކީ ޙައްގެއް އަދި ޒިންމާއެއް" މި ޝިޢާރުގެ ދަށުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނިންމި ނިންމުމާއެކުގައެވެ. މި ދުވަސް ފާހަގަކުރަނީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި، އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމުގެ މަގުސަދުގައި، ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ، އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކޮންމެ އަހަރެއްގެވެސް ވޯޓުލާ މީހުންގެ ދުވަހު ވޯޓުލުމާ ގުޅޭގޮތުން އާންމު ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތްތައް ބާއްވަމުންނެވެ.