ރިޔާސީ އިންތިޚާބު ކޮންމެ ފަސްއަހަރަކުން ބާއްވައެވެ. އަދި ރިޔާސީ އިންތިހާބު ބާއްވާތާ 6 މަހެއްހާ ދުވަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހަށް ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރެއެވެ. ތަޖުރިބާކާރުން ބުނާގޮތުން ވަކިވަކިން އަންނަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ނިޒާމީ ގޮތެއްގައި މިހާރު ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމެކެވެ.
އިންތިޚާބުތައް އެކުގައި ބޭއްވުމާއި މެދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މާ ބޮޑު ޚިޔާލު ތަފާތުވުމެއް ނެތެވެ. ޚިޔާލު ތަފާތުވެފައި ވަނީ އެކަން ކުރާނެ ގޮތަކާއި މެދުއެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ރާއްޖޭގައި ބާއްވާ 3 އިންތިޚާބު އެއްކޮލުމަށް ތާޢީދުކުރައްވާކަން ހާމަކޮށް ވާހަކަދެއްކެވުމެވެ. ޚުދު އެޕާޓީންވެސް މިކަމުގައި މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ.
ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން މިވީ 17 އަހަރުގެ ތާރީޚަށް ބަލާލުމުން މި ބަދަލު ގެންނަން ޖެހޭ ސަބަބުތައް ތާރީޚުން ފެންނާން އެބަހުއްޓެވެ. ބޮޑު ދެ އިންތިޚާބު 6 މަސް ދުވަހުގެ ފަރަޤެއްގެ އޮވެ ބޭއްވުމުން ދައުލަތުން އުފުލަންޖެހޭ މާލީ އަދި އިދާރީ ބުރަ އިންތިހާއަށް ބޮޑެވެ. ހަމައެކަނި ހިސާބުތަކަށް ނަޒަރު ހިންގާލާއިރު ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ މަދުވެގެން 120 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެއެވެ.
އިންތިޚާބުތައް އެކުގައި ބާއްވަން އެންމެ ބޮޑަށް ބާރުލިބޭ އެއް ކަމަކީ ވޯޓުލާ މީހުންގެ ނިސްބަތެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ވޯޓުލަނީ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިހާބު ބާއްވާތާ އަހަރެއް ނުވަނީސް އޮންނަ މަޖިލިސް އިންތިޚާބަށް ވޯޓުލާން ނިކުންނަ މީހުން މަދުވެއެވެ.
ކައިރިކައިރީގައި ދެ އިންތިޚާބު ބޭއްވުމަކީ ހިންގުމުގެ ނިޒާމަށްވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. ޤައުމުގެ ވެރިކަމަށް ރައީސަކު އިންތިޚާބު ކުރަނީ މެނިފެސްޓޯގައި ވަކި ސިޔާސަތުތަކެއް ލިޔެ އެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާޢީދު ހޯދައިގެންނެވެ. ނަމަވެސް ހަމަ އެ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ސަރުކާރުން 6 މަސް ނުވަނީސް މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އަދި ސަރުކާރުގެ ސިޔާސަތު އެކުއެކީގައި ރައްޔިތުންނަށް ހުށަހަޅާ ގުޅި ލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ކަންކަން ކުރެވޭނެ މަގުފަހިވެގެންދާނެއެވެ.
މި މުއްދަތުގައި ދެން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އައު ސަރުކާރާއި މަޖިލީހުގެ ޚިޔާލު ތަފާތުވުމުން ދިމާވާ ކަންކަމެވެ. މިކަން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީސް އަދި 19 ވަނަ މަޖިލީހުގެ ފަހު ދުވަސްކޮޅު ފެނިގެން ދިޔައެވެ. އައު ސަރުކާރުތަކަށް މިހާތަނަށް ދިމާވެފައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި، ވަޒީރުންނަށް ރުހުން ނުދިނުމާ، ބަޖެޓު ފާސްކުރަން ދަތިކުރުމާ، މަޝްރޫޢުތައް ފައްޓަން ދަތިކުރުމާ، ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރަން މަސައްކަތް ކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ. މިކަމުގެ ސަބަބުން އައު ސިޔާސަތުތައް ތަންފީޒުކުރަން އިތުރު ގޮތްތަކެއް ހޯދުމަށް ސަރުކާރަށް މަޖުބޫރުވެއެވެ. އޭގެ ފަހުން ސަރުކާރުގެ އަމާޒު އެއްކޮށް ބަދަލުވަނީ މަޖިލީސް ކާމިޔާބު ކުރުމަށެވެ. އެކަން އެހެން ދިމާވުމުން ދުރުރާސްތާގައި ފައިދާ ހުރި ސިޔާސަތުތަކަށް ވުރެ ކުރު މުއްދަތުގެ ސިޔާސަތުތަކަށް ސަރުކާރުތަކުން އިސްކަންދޭކަން ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ރިޔާސީ އިންތިޚާބު ނިމުމާއެކު ވެރިކަމާއި ހަވާލުވާ ސަރުކާރުން ކެމްޕެއިން ފަށަން ޖެހެނީ މަޖިލީސް އިންތިޚާބަށެވެ. މިކަމުގެ ސަބަބުން، ދިގު މުއްދަތަކަށް ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ޤައުމު ދެމިއޮވެއެވެ. މިއީ އިޖްތިމާޢީ ގިނަ މައްސަލަތައް ކުރިމަތިވާ ނިޒާމީ މައްސަލައެކެވެ. ކަންކަން މިގޮތަށް އިންތިޒާމުވުމުން ވިޔަފާރިތަކާއި އާންމުން ތިބެންޖެހެނީ ހާސްކަމެއްގެ ތެރޭގައެވެ. އެއީ ސަރުކާރުތަކުގެ ދެމެހެއްޓެނިވި ސިޔާސަތެއް ގެންގުޅުމުގެ ވައްޓަފާޅިއެއް ނެތުމުގެ ސަބަބުންނެވެ.
މިމައްސަލަތައް ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން އެ މައްސަލަތަކުން އަރައިގަތުމަށް ގައުމުތަކުން ވަނީ ބޮޑު ދެ އިންތިހާބު އެއްްކޮށް ކުރިއަށްގެންދެވޭގޮތަށް ނިޒާމު ބައްޓަންކޮށްފައެވެ. ދުނިޔޭގެ ދިމިޤްރާތީ ނިޒާމު އެންމެ ފައްކާވެފައިވާ ކަމަށް ބުނާ އެމެރިކާގައި ރިޔާސީ އިންތިޚާބާއެކު ޤަނޫނޫ ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ހޮވައެވެ. ރާއްޖެ ފަދަ ރިޔާސީ ނިޒާމެއް އޮންނަ އާޖެންޓީނާގައިވެސް މިކަން ކުރަނީ މިގޮތަށެވެ. އެންމެ ބޮޑު މުސްލިމު އާބާދީ އޮންނަ އިންޑޮނޭޝިއާގައި ރިޔާސީ އަދި މަޖިލީހަށް ވޯޓުލަނީ އެއްދުވަހެއްގައެވެ. ކެންޔާ ނައިޖީރިއާ ފަދަ ޤައުމުތަކުގައިވެސް މިކަން އޮންނަނީ މިހެންނެވެ.
މިހުރިހާ ކަމަކުންވެސް ކަށަވަރުވާ އެއް ކަމަކީ ދެ އިންތިޚާބު އެއް ދުވަހެއްގެ ތެރޭ ބޭއްވުމަކީ، ހިންގުމުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ ތާއީދު ލިބޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް އެޅޭ ބާރަކަށެވެ