ޚަބަރު

"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ޖިހާދުކުރުމަށްވުރެ މަތިވެރި އަމަލެއް"


  • މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މައިންބަފައިންނަށް ކަމޭހިތުން"

"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް ކަމަށާއި އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މައިންބަފައިންނަށް ކަމޭހިތުން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ﷲ تَعَالَى ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވައިފައި ކަމަށެވެ. އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރިއެވެ. ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑެވެ. އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތެވެ. އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިޢުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ. މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެއް. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވޭ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޙުޠުބާގައި ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށް ކަމަށާއި، މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެއް ކަމަށެވެ. އެއީ ފުރިހަމަކަމާއި މާތްކަމުގެ ދަލީލެއް ކަމަށާއި އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެއްކަމުގައި ވިދާޅުވިއެވެ.

ﷲ تَعَالَىގެ ޙައްޤު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ޚުޠުބާގައި ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއްކަމަށެވެ. އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެކެވެ.

"ابْنُ مَسْعُوْد رَضِيَ اللهُ عَنْه ވިދާޅުވިއެވެ. މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާ މެދު ނަބިއްޔާއާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلصَّلَاةُ عَلَى وَقْتِهَا) މާނައީ: "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (ثُـمَّ بِرُّ الْوَالِدَيْنِ) "އެއަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (اَلْـجِهَادُ فِيْ سَبِيْلِ اللَّهِ) "ﷲގެ މަގުގައި ޖިހާދުކުރުމެވެ." ތިބާގެ މައިންބަފައިން އެދެނީ ތިބާއަކީ މާތް އަޚުލާޤެއްގެ ވެރިއަކަށްވެ، ހެޔޮ ކަމުގެ މަގުގައި ރިވެތި އަޚުލާޤާ އެކު ކުރިއަށްދިޔުމަށެވެ. ނުބައި ޢަމަލުތަކުންނާއި ނިކަމެތިވާ ފަދަ އެންމެހައި ކަމަކުން ދުރުހެލިވުމަށެވެ. މަގުފުރެދި ޖާހިލުކަމާއި ހަވާނަފުސަށް ހެއްލިނުދިއުމަށެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށް ޓަކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތައް ކަމަށެވެ. އެ ދެ މީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. ދަރީންނަށް ޓަކައި އެ ދެ މީހުންގެ ޙަޔާތް ގުރުބާންކުރާކަމަށް ވިދާޅުވިއެވެ.