އަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސަރުކާރު ޚަރަދުގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. މިއަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމްގެ މަޝްރޫޢުތަކަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 8.3 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދު ކޮށްފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ، 951.5 މިލިޔަން ރުފިޔާއެވެ. އެހެން ކަމުން މިއީ 16.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ ޚަރަދުގައި ހިންގާ މަޝްރޫޢުތައް ވަނީ އެކި ދާއިރާތަކަށް ބަހާލާފައެވެ. އަހަރުގެ މިހާތަނަށް 100 މިލިޔަން ރުފިޔާ އަށްވުރެ އިތުރަށް 4 ދާއިރާއަކުން ޚަރަދު ކޮށްފައިވެއެވެ.
އެކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، އިޤްތޞާދީ ދާއިރާއިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 562.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވަނީ، 496.7 މިލިޔަން ރުފިޔާއެވެ. މި ދާއިރާގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދަތުރުފަތުރުގެ ދާއިރާގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ. މިކަމަށް 345.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް 257.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ހޭދަ ކޮށްފައިވަނީ، 92.8 މިލިޔަން ރުފިޔާއެވެ. މިދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. މި ބަޔަށް 253.7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
ޞިއްޙީ ދާއިރާއަކީ، ސަރުކާރުން މިއަހަރު އެންމެ އިސްކަމެއް ދޭ އެއް ދާއިރާއެވެ. ޞިއްޙީ ދާއިރާއަށް ކުރި ޚަރަދުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް، 118.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ހޭދަކޮށްފައިވަނީ، އެންމެ 7.1 މިލިޔަން ރުފިޔާއެވެ.
ކުޅިވަރާއި، ސަޤާފަތާއި ދީނީ ކަންކަމަކީ، މިއަހަރުގެ މިހާތަނަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާ އެއް ދާއިރާއެވެ. މިދާއިރާއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ، ދީނީ ކަންކަމަށެވެ. އެއީ، 50.4 މިލިޔަން ރުފިޔާއެވެ. ކުޅިވަރު ދާއިރާއަށް މިއަހަރުގެ މިހާތަނަށް 44.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް، މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން މިއަހަރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު، ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި 213 މަޝްރޫޢެއް މި އުސޫލުން ޙަވާލުކޮށްފައިވެއެވެ. ސަރުކާރުން ވަނީ، މި މަޝްރޫޢުތައް ބާރަށް ކުރިއަށްދާ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.