ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުކަން ފްރާންސްގެ މިހާރުގެ ގައުމީ ކޯޗު ޑިޑިއޭ ޑެޝޯން އަށް ދިނުމަށް އެ ކުލަބުން އޭނާއާ މަޝްވަރާ ކުރަން ނިންމައިފި އެވެ.
ޑެޝޯން އަކީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ގައުމީ ކޯޗެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދީ 2022 ވަނަ އަހަރުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ނަމަވެސް އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ފަހު އޭނާ މަގާމު ދޫކޮށްލާނެ އެވެ.
ރެއާލްއިން ޑެޝޯން އަށް ޝައުގުވެރިވަނީ ތިން ކަމަކާ ހެދި އެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ އޭނާ އަކީ ގިނަ ތަރިން ހިތްހަމަ ޖައްސައިގެން އެއްފަހަރާ ގެންގުޅެން ދަންނަ ކޯޗަކަށް ވުމެވެ. ދެ ވަނަ ކަމަކީ ފްރާންސްގެ ގައުމީ ޓީމުގައި އޭނާ ހޯދާފައިވާ ކާމިޔާބީ އާއި ތަޖުރިބާ އެވެ.
ޑެޝޯން އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ފްރާންސް ޓީމުގެ ކެޕްޓަނެވެ. އުމުރުން މިހާރު 57 އަހަރުގެ ޑެޝޯން ކޯޗަކަށް ގެނައުމަށް ރެއާލްއިން ވިސްނަން ފެށީ އެ ޓީމަކީ ގިނަ ތަރިންތަކެއް ތިބި ޓީމަކަށްވުމުން ހުރިހާ ކުޅުންތެރިން ވަކިވަކި މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އޭނާގެ ކިބާގައި ހުންނާނެ ކަމަށް ބަލަ އެވެ.
މި ފަދަ މައްސަލަތަކާހުރެ މި ސީޒަނަކީ ރެއާލް އަށް ވިދިވިދިގެން ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހޭނެ ދެ ވަނަ ސީޒަނަށް ވެދާނެ އެވެ. މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު މިހާރު އޮތް ހަމައެކަނި މުބާރާތަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގެވެ. އެކަން ކުރެވޭނީ ބުދަ ދުވަވަހުގެ ރޭ ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.
ރެއާލްގައި މިވަގުތު ފްރާންސްގެ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ދެ މިޑްފީލްޑަރުން ކަމަށްވާ އައުރެލިއެން ޗުއާމެނީ އާއި އެޑުއާޑޯ ކަމަވިންގާ އެވެ.