ކުޅިވަރު

ނާޕޮލީގެ ނިންމުމާއެކު ލުކާކޫ އަށް ވޯލްޑް ކަޕް ނުކުޅެވިދާނެ


އިޓަލީގެ ނާޕޮލީން ފޯވަޑް ރޮމެލޫ ލުކާކޫ ލައްވައި މި ސީޒަނުގައި ނުކުޅުވަން ނިންމުމާއެކު އޭނާ އަށް ވޯލްޑް ކަޕަށް ކުޅޭ ބެލްޖިއަމް ޓީމުން ޖާގަ ލިބިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ބެލްޖިއަމްގެ ރަންޖީލު ކަމަށް ބެލެވުނު ކުޅުންތެރިންގެ ތެރެއިން ވަރަށް ގިނަ ކުޅުންތެރިން އުމުރުން ދޮށިވެ ކުޅުން ހުއްޓާލުމުން ލުލާކޫ އަކީ މިހާރު ޓީމުގައި ހުރި އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް މި ސީޒަނުގައި އަނިޔާގެ ސަބަބުން މިހާތަނަށް އޭނާ ކުޅުނީ 74 މިނިޓްގަ އެވެ.

ނާޕޮލީން އޭނާ ލައްވައި މި ސީޒަނުގައި ނުކުޅުވަން ނިންމީ ކުޅުންތެރިޔާ ފަރުވާގައި ހުރެ ދަނޑުބޭރުގެ އަހުލާގީ މައްސަލަތަކާ ކުރިމަތިލާން ޖެހުމުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އޭނާގެ މައިގަނޑު އެއް މައްސަލައަކީ ފަރުވާ އަށް ބެލްޖިއަމުގައި ހުންނަން ހުއްދަދީފައި އޮތް އޮއްވައި ރޭގަނޑު ނުނިދައި ޕާޓީ ކުރަން އުޅުނު މައްސަލަ އެވެ.
އިޓަލީގެ މީޑިއާތަކުން ބުނަނީ އަނިޔާ އާއި އަހުލާގީ މައްސަލަތަކުގެ ސަބަބުން ނާޕޮލީން މި ސީޒަނަށް ފަހު ލުކާކޫ ވިއްކާލަން ނިންމާފައިވާ ކަމަށެވެ.

ކުރިން އިންޓަމިލާނާއި ޗެލްސީގައި މޮޅަށް ކުޅުނު ނަމަވެސް ލުކާކޫ އަށް ފަހަކަށް އައިސް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ.