ލުބުނާނާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިންތިޒާމެއް ގާއިމުކުރެވުނުކަން އެމެރިކާއިން އިއުލާންކޮށްފައިވާ ކަމަށެވެ. މިކަމަށް މަރުހަބާ ކިޔައި ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ، މިއީ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކުރުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ. އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ޚާރިޖިއްޔާގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ކަންކަން މަގުފަހިކޮށްދިނުމުގައި ލުބުނާނު ސަރުކާރާއި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް ރާއްޖެއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި މެދުއިރުމަތީގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢުން ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުންވަނީ ދެއްވާފައެވެ. އަދި މިކުރިއެރުމުގެ ސަބަބުން، ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ އިސްކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ބަޔާން ނިންމާލަމުން ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.