ދިވެހިރާއްޖެއަކީ ސްރީލަންކާގެ އިޤްތިޞާދުގައި މުހިއްމު ބައިވެރިއެއްކަމަށް، ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކައިގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއާއި ލަންކާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 60 އަހަރުވިއިރު، ދެ ޤައުމުގެ މި ގުޅުމަކީ އެއަށްވުރެ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށް ވިދާޅުވިއެވެ. މިގޮތުން ސަޤާފީ ގޮތުންނާއި ބަހަވީ ބިންގަލެއްގެ މަތިން ގުޅުން ދެމިގެން އައިސްފައިވާއިރު، މިއީ ދެ ޤައުމުގެ ތަޞައްވުރު ކުރާ ކަންކަން ހާސިލްކުރުމަށް މަގުފަހިވި ގުޅުމެއް ކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.
ޑިސަނަޔަކަ ވިދާޅުވީ، ދިވެހިރާއްޖެއަކީ ލަންކާއިން 3 ވަނައަށް އެންމެ ގިނަ މުދާ ބޭރުކުރާ ޤައުމުކަމަށްވުމާއެކު ދެ ޤައުމު މެދުގައި އޮތް ވިޔަފާރީގެ ގުޅުން ސިންދަފާތު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. މިއީ ދެޤައުމުގެ މީހުންގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ އަލިގަދަ ހެއްކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމަނިކުފާނު ވާހަކަފުޅުގައި، ލަންކާއަށް ދާދި ފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ދިވެހި ސަރުކާރާއި ރައްޔިތުންވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ދިވެހި ދެއްކި އަވަށްޓެރިކަމުގެ ލާމަސީލު މިސާލެއްކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރެއްވިއެވެ.
ސްރީލަންކާގެ ރައީސްގެ ބަޔާނުގައި ދެ ޤައުމު މެދުގައި ކުރެވުނު މަޝްވަރާތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރައްވުމަށް މަޝްވަރާކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލަންކާ އެއްބާރުލުންދޭ ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ދެ ޤައުމު ދެމެދު 7 ދައިރާއަކުން ފަހުމުނާމާތަކުގައި ސޮއިކުރެވިގެން ދިޔައިރު، އެ އެއްބަސްވުންތަކާއެކު ދިވެހިރާއްޖެއަކީ ސަރަހައްދުގައި ލަންކާގެ އިޤްތިޞާދީ ބައިވެރިއެއް ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަކުރުމަށް ގަސްތުކުރައްވާ ކަމަށް ސްރީލަންކާގެ ރައީސް ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.
ސްރީލަންކާއިން ދިވެހިރާއްޖޭގެ އެހީތެރިކަން ބޭނުންވާ ބައެއް ދާއިރާތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ދެ ޤައުމަކީ ޖަޒީރާ ދެ ޤައުމަށްވާއިރު، ބޯޓު ބަނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދައިރާއިން ގުޅުން ބަދަހިކޮށް ދެ ޤައުމަށް އެކުގައި އަންނަން ޝައުޤުވެރިވާ ފަތުރުވެރިންނަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަން ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ލަންކާއަކީ އިންޑީއާ ކަނޑުގައި އެއް ސަރަހައްދެއް ހިއްސާ ކުރާ ދެޤައުމުކަމުކަން ފާހަގަކުރައްވާ ރައީސް ޑިސަނަޔަކަ ވަނީ ދެޤައުމަށް މިސަރަހައްދުގައި ކުރިމަތިވަނީ ދާދި އެއްގޮންޖެހުންތަކެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ދެ ޤައުމުގެ ގުޅިގެން މި ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ކަނޑުގެ ސަރަހައްދުގައި ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމަށް މަސައްކަތް އެކުގައި ކުރަންޖެހޭ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ދެޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ޤައުމުގެ ހައިކޮމިޝަނަށް ހާއްސަ ބިންތަކެއް ދެ ޤައުމުންވެސް މިހާރު ހަމެޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ޑިސަނަޔަކަ ވިދާޅުވީ މިކަމުގައި އެންމެ ފަހުގެ މަރުހަލާތައް މިހާރު ކުރިއަށްދާކަމަށެވެ. ވިދާޅުވިއެވެ.