ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވާން ގާނާގައި ފައިސާ ނެތް ކަމަށް ބުނެ 12 މިލިއަން ޑޮލަރުގެ އެހީ ހޯދަން މަސައްކަތް ފެށުމުން އެ ގައުމުގެ ވިޔަފާރި ވެރިއަކު ފަސް މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
އެފްރިކާ އަށް ނިސްބަތްވާ ގާނާގެ މަލްޓި މިލިއަނަރެއް ކަމަށްވާ އިބްރާހީމް މަހާމާ ވައުދުވި ފަސް މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ވަނީ ދެ މިލިއަން ޑޮލަރު ގާނާ ސަރުކާރު މެދުވެރިކޮށް ފުޓްބޯޅަ އެސޯސިއޭނާ ހަވާލުކޮށްފަ އެވެ. މި ފައިސާ ދީފައިވަނީ އޭނާގެ އިންޖިނިއާސް އެންޑް ޕެލޭނާސް ކުންފުނި މެދުވެރިކޮށެވެ. ފައިސާ ހަވާލުކޮށްފައިވަނީ ގާނާގެ ޑެޕިއުޓި ފައިނޭންސް މިނިސްޓަރު ތޯމަސް ނަޔަރްކޯ އަމްޕެމް އަށް އޭޕްރީލް 30 ވަނަ ދުވަހު އެވެ. އަދި މި ފައިސާ ލިބުނުކަން ގާނާގެ މާލީ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ގާނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލުން ވަނީ މިހާ އަވަހަށް މިކަން ހަމަޖައްސައިން ކަމަށްޓަކައި މަހާމާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިއީ މިހާތަނަށް އަމިއްލަ ފަރާތަކުން ޓީމަށް ލިބުނު އެންމެ ހިލޭ އެހީ ކަމަށް ވެސް ބުނެފަ އެވެ.
ގާނާ ޓީމުން ފައިސާ ހޯދަން ފެށީ ޓްރޭނިން ކޭމްޕަށާއި ދަތުރު ފަތުރާއި ލޮޖިސްޓިކްސް އާއި ސްޕޯޓްސް އިންފްރާންސްޓްރަކްޗާއި އާއި ކުޅުންތެރިންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށާއި އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ބާއްވާ މުބާރާތަށް ކުރަން ޖެހޭ އެނޫން ވެސް ހަރަދުތައް ހަމަޖެއްސުމަށެވެ.
މި ހަރަކާތަށް ގާނާގެ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. މި ގޮތުން ގޯލްޑް ފީލްޑުން ވަނީ 2 މިލިއަން ޑޮލަރު ވަގުން ދޭން އެއްބަސްވެ ފަހުން އެއް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ކޭޖީއެލް ގްރޫޕުން ވަނީ 893000 ޑޮލަރު ދޭން ބުނެފަ އެވެ. އިންޝުއަރެންސް ކުންފުންޏަކުން ވަނީ 178000 ޑޮލަރާއި ދެ މިލިއަން ގާނިއަން ކެޑީގެ އިންޝުއަރެންސް ދޭން ނިންމައިފަ އެވެ. މީގެ އިތުރުން އެހެން ކުންފުންޏަކުން ވަނީ ދެ ލައްކަ ޑޮލަރު ދޭން ބުނެފަ އެވެ.
ޖުމުލަ 48 ގައުމު ވާދަކުރާ ވޯލްޑް ކަޕަށް ގާނާ ކޮލިފައިވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގަ އެވެ. މިހެންވެ އަވަހަށް މުބާރާތައް ތައްޔާރުވާން ޖެހޭ ކަމަށް ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.
ވޯލްޑް ކަޕުގައި ގާނާ ހިމެނެނީ އިންގްލޭންޑާއި ކްރޮއޭޝިޔާ އާއި ޕެނަމާއާއެކު ގްރޫޕް އެލްގަ އެވެ. ގާނާގެ ކޯޗަކަށް ތަހުރިބާކާރު ކޯޗު ކާލޮސް ކީރޯޒް ހަމަޖެއްސީ މިދިޔަ މަހު އެވެ.