ތަރައްްޤީ

ނަޝީދަށް 2018ގެ އިންތިޚާބުގައި ވާދަނުކުރެވޭނެ - އަލްހާން ފަހުމީ


އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީން ބަލަމުންދާ ރައީސް ނަޝީދުގެ މައްސަލަ، އެމަނިކުފާނާ އެއްކޮޅަށް ނިންމި ނަމަވެސް ރާއްޖޭގެ ޤާނޫނުތައް މިހާރު އޮތްގޮތުން 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް އެމް.ޑީ.ޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޖިނާޢީ ކުށް ސާބިތުވެ، އިއްވިފައިވާ ޙުކުމާގުޅޭ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށައެޅިފައިވާ މައްސަލަ ނިމޭގޮތަކުން 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވޭނެ ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މީޑިއާގައި ދެއްކި ވާހަކަ ދޮގުކުރައްވަމުން އަލްހާން ވިދާޅުވީ، ރައީސް ނަޝީދަށް ޙުކުމް ކުރެވުނު މައްސަލައަކީ އިންސާނީ ޙައްޤުތަކާ ޚިލާފް ޢަމަލެއް ހިންގައިގެން އިއްވެވި ޙުކުމެއް ކަމަށެވެ. އަދި އޭރު އިންސާނީ ޙައްޤުތަކަށް މަސަކަތްކުރާ އިދާރާތަކާއި ރާއްޖޭގެ ކޯޓުތަކުން އެންގެވި އެންގެވުންތަކަށް ތަބާނުވެ މިހާރު ނަޝީދާ އެއްކޮޅަށް އެ މައްސަލަ ނިމިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ހެދިފައިވާ ގޮތުން އިތުރު 3 މަރުޙަލާއެއް ކަޑައްތުކޮށްގެން މެނުވީ، ރައީސް ނަޝީދަށް އިއްވާފައިވާ ޙުކުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދީގެން ކަންކަން އޮޅުވާލުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ ޙައިސިއްޔަތުން ރައްޔިތުންނަށްޓަކައި ޕާޓީން އުފުލަންޖެހޭ އަޑުތަކާއި، ހިންގަންޖެހޭ ޙަރަކާތްތައް ހިންގުމަށް އެ ޕާޓީގެ ކަންކަމާ ޙަވާލުވެގެން ތިއްބެވި ބޭފުޅުން މަސައްކަތް ކުރުމަށް އަލްހާން ފަހުމީ ގޮވާލައްވާފައިވެއެވެ.