ޚަބަރު

ވައިޑް-ބޮޑީ މަތިންދާ ބޯޓުން 80،000 ފަސިންޖަރުން އުފުލައިފި


  • ބައިނަލްއަޤުވާމީ އެކި މަންޒިލުތަކަށް ދަނީ ދަތުރުކުރަމުން

  • މިހާތަނަށް 1،800އަށްވުރެ ގިނަ ޓަނުގެ މުދާ ވަނީ އުފުލާފައި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފެށި ފަހުން މިހާތަނަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން އުފުލާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. އެއީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓުގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އެންމެ ފުރަތަމަ އަމާޒުކުރި މަންޒިލަކީ ޗައިނާ ކަމަށާއި، އެގޮތުން ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފެށި ކަމަށެވެ.

އިޔާސް ފާހަގަކުރެއްވި ގޮތުގައި ޗައިނާއަށް ކުރި ދަތުރުތަކުގައި އެކަނިވެސް 40،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އުފުލާފައެވެ. މީގެ ތެރެއިން 20،000 އަށްވުރެ ގިނަ ފަތުރުވެރިންނަކީ އަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންނެވެ. ޗައިނާގެ އިތުރުން، ޑިމާންޑަށް ބަލައި އިންޑިއާ، ބަންގްލަދޭޝް، ބެންކޮކް އަދި ސައޫދީ އަރަބިއްޔާއަށްވެސް މި ބޯޓުން ގިނަ ދަތުރުތަކެއް ކޮށްފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ.

"މިހާތަނަށް ކުރި ޖުމުލަ މި ހުރިހާ ދަތުރުތައް އެއްކޮށްލައިގެން ގާތްގަނޑަކަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން މި ވަނީ ހަމަ މި ވައިޑް ބޮޑީ އެއަރކްރާފްޓުން ޚިދުމަތް ހޯދާފަ. އަދި އޭގެ އިތުރަށް 1،8،00 އަށްވުރެ ގިނަ ޓަނުގެ މުދާ އަޅުގަނޑުމެން މި ވަނީ މަތިންދާ ބޮޑު އުފުލާފަ." އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ، އެންމެ މަތިންދާބޯޓަކުން ވޭތިވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ ރާއްޖޭގެ އިގްތިޞާދަށާއި ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ގައުމީ އެއާލައިންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އިޔާސް ސިފަކުރެއްވިއެވެ.

މޯލްޑިވިއަންގެ 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޝެޑިއުލްޑް އަދި ޗާޓާރޑް ދަތުރުތައް މިހާރު ގިނަ ގައުމުތަކަށް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޙައްޖާޖީން އަދި ޢުމްރާވެރިން މައްކާއަށް ގެންދިއުމަށްޓަކައި ކުރާ ދަތުރުތަކާއި، ޗައިނާގެ މަޝްހޫރު ސިޓީތަކަށް ކުރާ ދަތުރުތަކާއި، އިންޑިއާ އަދި ބަންގްލަދޭޝަށް ކުރާ ދަތުރުތަކުގެ އިތުރުން ދާދި ފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތައްވެސް ހިމެނެއެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.