ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ.
ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކުރި ގޮތުގައި، މި އަންދާޒާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަމެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިގްތިސާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގްތިސާދީ ގާބިލުކަން އިތުރުކުރުމާއި، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެއެވެ. އަދި މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި، ޝާމިލު، އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމަށްޓަކައި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެވެ. ....