ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން، ޤައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުޅި މުޖުތަމަޢު އެއްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ.ނިލަންދޫގައި ބޭއްވި ޙަފްލާ ޝަފަރުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި ސިއްޙަތާ ގުޅިފައިވާކަމެއް ނޫންކަމަށެވެ.
އަދި ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ދަރަޖައިގައި ކަށަވަރުކުރެވިފައިވާނަމަ އެކަމުން ހާމަވަނީ އެޤައުމެއް ތަހުޒީބުވެފައިވާ މިންވަރުގެ އިތުރުން އެޤައުމެއްގައި އިންސާނީ އަޚުލާޤާއި ދިރިއުޅުމުގެ އާދަތައް ހަރުދަނާކޮށްފައިވާ މިންވަރުކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުޑައިރުން ފެށިގެން ކުދިން ހާނުވަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ގެއާއި ސްކޫލުތަކާއި މުޅި މުޖުތަމަޢުން އެކަމުގައި ބައިވެރިވާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
First Lady @sajidhaamohamed receives a warm welcome from the members of the community upon her arrival in F. Nilandhoo. pic.twitter.com/HaRDjFbFEp
— The President's Office (@presidencymv) June 7, 2026
"ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން މުޅި ޤައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް. ދަނޑުތަކުން ސުފުރާއާއި ހަމައަށް އަންނައިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް. ހަމައެކަނި އޮތޯރިޓީއަކުން މަސައްކަތް ކޮށްގެން އެކަމެއް ހާސިލެއް ނުކުރެވޭނެ." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުޅި މުޖުތަމަޢު އެއްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު ޤާނޫނުތަކާއި ޤަވާއިދުތައް ރަނގަޅުގޮތުގައި ތަންފީޒުކުރެވޭކަން ކަށަވަރު ކުރުމުގެ މުހިއްމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކި ފަރާތްތަކަށް ކުރިމަތިވަނީ އެކިކަހަލަ ހުރަސްތައް ކަމަށެވެ. އެގޮތުން އެކަށީގެންވާ ވަޞީލަތް ނެތުމާއި، އެކަމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ނެތުމާއި، ޤަވާއިދުތައް ތަންފީޒު ކުރުމަށް ހުރަސްތައް ހުރިކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގައި އުފައްދާ ކާބޯތަކެތި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ފުރުސަތު މީގެކުރިން ނެތްނަމަވެސް މިއަދު ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއެކު މިފުރުސަތު ފަހިވެފައިވާކަންވެސް އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.